ޚަބަރު
ރަސްމާލެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓަންޓެއް ހޯދުމަށް އިޢުލާނުކޮށްފި
ރަސްމާލެ ފޮޓޯ: އެމްއޭސީއެލް
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރު ކަމަށްވާ "ރަސްމާލެ" ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ކޮންސަލްޓަންސީ ސަރވިސް ދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އިޢުލާނުކޮށްފިއެވެ.
ރަސްމާލެ މަޝްރޫޢަކީ ފުށިދިއްގަރު ފަޅުން 1010 ހެކްޓަރުގެ ބިން ހިއްކައިގެން ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 500 ހެކްޓަރަށްވުރެ ބޮޑު ސަރަޙައްދެއް ވަނީ ހިއްކާ ނިމިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރަސްމާލެއިން 200,000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކޮންސަލްޓަންސީ މަސައްކަތަށް ހުޅުވާލާފައިވަނީ ބޭސްލައިން ސްޓަޑީ ހެދުމާއި، އަރބަން ޑިވެލޮޕްމަންޓް ފްރޭމްވަރކް އެކުލަވާލުމުގެ އިތުރުން ބިން ބޭނުންކުރާނެ ގޮތުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށެވެ. މީގެ އިތުރުން ހިއްކާ ބިން ހިމާޔަތްކޮށް، ކަމާގުޅޭ އިދާރާތަކާ ގުޅިގެން ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކޮށް ކުރިއަށްގެންދާނެ ގޮތްތައް މި މަސައްކަތުގެ ތެރެއިން އެކުލަވާލެވޭނެއެވެ.
ރަސްމާލެއަކީ ތިމާވެއްޓާ ރައްޓެހި "އިކޯ-ސިޓީ" އެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. އެގޮތުން މި ރަށަށް ކަރަންޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެންނެވެ. މާސްޓަރ ޕްލޭންގެ ދަށުން ޔުޓިލިޓީ ޚިދުމަތްތަކާއި، ދަތުރުފަތުރުގެ ނިޒާމުގެ އިތުރުން، ޚާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ފަސޭހައިން އުޅެވޭނެ ފަދަ (އެކްސިސިބަލް) ވަސީލަތްތައް ޤާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ބިން ހިއްކުމުގެ މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އަލުން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ދެން މަސައްކަތް ކުރިއަށްދާނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށާއި، އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށެވެ. އަދި މިހާރު އިޢުލާނުކޮށްފައިވާ ގޯތިތައް ދޫކުރާނީ ރަސްމާލެ ބިން ހިއްކާ ނިމުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ކޮންސަލްޓަންސީ މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ އަންނަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.