ކޮލަމް / ސައިންސް

ތާޒާ ކާނާއާ އެއްވަރަށް އައިސްކުރި އަދި ދަޅުގަހުންނަ ތަރުކާރީ މޭވާއިން ސިއްހަތަށް ފައިދާކުރޭތަ؟

ތާޒާ ކާނާއާ އެއްވަރަށް އައިސްކުރި އަދި ދަޅުގަހުންނަ ތަރުކާރީ މޭވާއިން ސިއްހަތަށް ފައިދާކުރޭތަ؟

އައިސްކުރި މޭވާ އަދި ތަރުކާރީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 ޖޫން 2026، 12:20

29 ޖޫން 2026، 12:20

ދިރިއުޅުމުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ތާޒާ މޭވާ އާއި ތަރުކާރީ ހޯދުމަކީ ގިނަ ބަޔަކަށް ތަކުލީފަކަށްވެ، ބޮޑު ހަރަދެއް ހިނގާ ކަމަކަށް ވެފައިވެއެވެ. މި ހާލަތާ ގުޅިގެން، ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީ އާއި ގަނޑުކޮށްފައި ހުންނަ (ފްރޯޒަން) މޭވާ ބޭނުންކުރުން ދަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވަމުންނެވެ. ނަމަވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ: ފްރޯޒަން ނުވަތަ ދަޅު ތަރުކާރީ، ތާޒާ ތަރުކާރީ ފަދައިން ސިއްހަތަށް ފައިދާ ހުރިތޯ؟

ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވި ހަށިގަނޑަކީ ﷲ ދެއްވި ބޮޑު ނިޢުމަތެކެވެ. ވީމާ، ހަށިގަނޑަށް ފައިދާ ހުރި ކާނާ ހޯދައި ބޭނުންކުރުމަކީ ކޮންމެ މީހެއްގެ ވެސް ދީނީ ގޮތުންނާއި، ދުނިޔަވީ ގޮތުން ވެސް އަދާކުރަންޖެހޭ ޒިންމާއެކެވެ.

ދުވާލަކު ބޭނުންކުރުން އެންމެ އެކަށީގެންވާ މިންވަރު:

މޭވާ އާއި ތަރުކާރީއަކީ ހަށިގަނޑަށް ނުހަނު ފައިދާހުރި މާއްދާތަކުން މުއްސަނދިވެފައިވާ ކާނާއެކެވެ. އޭގައި އެކުލެވޭ ވިޓަމިން، މިނަރަލް އަދި ފައިބަރުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ހިތުގެ ބަލިތަކާއި ބައެއް ބާވަތްތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. "އޮސްޓްރޭލިއާގެ ހެލްދީ އީޓިންގ ގައިޑްލައިން" ތަކުގައި ބަޔާންކުރާ ގޮތުގައި، ބޮޑެތި މީހުން ދުވާލެއްގެ މައްޗަށް މަދުވެގެން ދެ "ސާރވިންގް" މޭވާ އަދި ފަސް "ސާރވިންގް" ތަރުކާރީ ބޭނުންކުރުން މުހިންމެވެ. މި މިންގަނޑުތައް ކަނޑައެޅުމުގައި އެއީ ތާޒާ، ފްރޯޒަން ނުވަތަ ދަޅުގައި ބަންދުކުރި ތަކެތި ކަމުގައި ވިޔަސް ތަފާތެއް ނެތެވެ.

ދިރިއުޅުމުގެ ބުރަ މަސައްކަތްތަކުގެ ސަބަބުން، ގިނަ މީހުންނަށް ދުވާލަކަށް ބޭނުންވާ މިންވަރަށް ތަރުކާރީ ކެއުމަށް ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް، ލާޒިމުކުރާ މިންވަރަށް ތަރުކާރީ ބޭނުންކުރަނީ ވަރަށް މަދު ބަޔެކެވެ. ނަމަވެސް، ފްރޯޒަން ނުވަތަ ދަޅުގައި ބަންދުކޮށްފައި ހުންނަ ތަރުކާރީ ބޭނުންކޮށްގެން ވެސް، ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މި މިންގަނޑުތައް ފުރިހަމަކުރެވިދާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފާދެއްވައެވެ.

އަގުހެޔޮވުމާއި، ތައްޔާރުކުރަން ފަސޭހަވުމާއި، އިސްރާފު ކުޑަވުން:

ފްރޯޒަން ނުވަތަ ދަޅުގައި ބަންދުކުރި ތަރުކާރީއަކީ ތާޒާ ތަރުކާރީއާ އަޅާބަލާއިރު ގިނަ ގޮތްގޮތުން އިގްތިސާދީ ގޮތުން ފައިދާހުރި އެއްޗެކެވެ. ތާޒާ ތަރުކާރީ ގަތުމަށް ހިނގާ ހަރަދަށްވުރެ، ދަޅުގައި ބަންދުކުރި ތަކެތީގެ އަގު ބޮޑުތަނުން ހެޔޮވެއެވެ. މީގެ އިތުރުން، ދަޅުގައި ހުންނަ ތަރުކާރީ ގިނަ ފަހަރަށް ހުންނަނީ ކޮށައި ކެއްކުމަށް ތައްޔާރުކޮށްފައި ކަމަށްވާތީ، ކެއްކުމަށް ހޭދަވާ ވަގުތު ސަލާމަތްކޮށްދެއެވެ.

ތާޒާ ތަރުކާރީއަކީ އަވަހަށް ހަލާކުވެ، އުކާލަންޖެހޭ ފުރުސަތު ބޮޑު އެއްޗަކަށް ވިޔަސް، ދަޅު ނުވަތަ ފްރޯޒަން ތަރުކާރީ ގިނަ ދުވަހަށް ރައްކާކޮށްފައި ބެހެއްޓެއެވެ. މީގެ ސަބަބުން ކާބޯތަކެތި ބޭކާރުވުމާއި އިސްރާފުވުން ވަރަށް ބޮޑަށް ކުޑަވެއެވެ. ދިވެހިންގެ ތެރޭގައި ވެސް ކެއްކުމުގެ ވަގުތު ސަލާމަތްކުރުމަށްޓަކައި ދަޅު ތަރުކާރީ ބޭނުންކުރުން ދަނީ އާންމުވަމުންނެވެ. ހާއްސަކޮށް، ވަގުތު މަދު ގޭބިސީތަކަށް މިއީ ލިބޭ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.

ކާނާގެ ފައިދާ ހިފެހެއްޓޭ މިންވަރު:

ދިރާސާތަކުން ދައްކާގޮތުގައި، ފްރޯޒަން ނުވަތަ ދަޅުގައި ބަންދުކުރި ތަރުކާރީގައި އެކުލެވޭ ފައިދާ، ގިނަ ހާލަތްތަކުގައި ތާޒާ ތަރުކާރީއާ ދާދި އެއްވަރެވެ. ހަފްތާއެއް ވަންދެން ފްރިޖުގައި ބަހައްޓާފައި ހުންނަ ތާޒާ ތަރުކާރީއާއި، ދަޅުގައި ބަންދުކުރި ތަރުކާރީގެ ނިއުޓްރިޝަން ވެލިއު (ކާނާގެ ފައިދާ) ގައި މާބޮޑު ތަފާތެއް ނެތްކަން ހާމަވެފައިވެއެވެ.

ބައެއް ހާލަތްތަކުގައި، ދަޅު ނުވަތަ ފްރޯޒަން ތަރުކާރީގައި ހިމެނޭ ނިއުޓްރިއަންޓްސް، ތާޒާ ތަރުކާރީއަށްވުރެ ވެސް ގިނަ ކަމަށް ދައްކައެވެ. މިސާލަކަށް، ޒުވާރި ފަދަ ތަކެތި ބަންދުކުރާއިރު ވިޓަމިން ސީ ހިފެހެއްޓުމަށް އިސްކަންދޭތީ، ތާޒާ  ޒުވާރިއަށްވުރެ ފްރޯޒަން ޒުވާރީގައި ވިޓަމިން ސީ ގިނަކަން ފާހަގަކުރެވެއެވެ.

ގަނޑުކުރުމުގެ  ސަބަބުން ތަރުކާރީ ހަލާކުވުން ލަސްކޮށްދީ، އޭގެ ކުލައާއި ސިފަ ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. ނަމަވެސް، ގަނޑުކުރާއިރު އޭގެ ތެރޭގައި ގަނޑުފެނުގެ ކްރިސްޓަލްތައް އުފެދިއްޖެނަމަ، ތަރުކާރީގެ ސިފަ ހަލާކުވެ، ނިއުޓްރިއަންޓްސްގެ މިންވަރު މަދުވެ، ތަރުކާރީތައް މަޑުވެ ބޭނުންކުރަން އުނދަގޫވެދާނެއެވެ. ވަކިން ހާއްސަކޮށް، އެއްޗެހި ގަނޑުފިލުވުމަށްފަހު އަލުން ގަނޑުކުރުމަކީ މިފަދަ ގެއްލުންތައް ބޮޑުވާނެ ކަމެކެވެ. މީގެ އިތުރުން، ފްރޯޒަން ކާނާގައި 'ލިސްޓީރިއާ މޮނޯސައިޓޯޖީންސް' ކިޔާ ބެކްޓީރިއާއެއް އުފެދުމުގެ ފުރުސަތު އޮތް ނަމަވެސް، ކެއުމުގެ ކުރިން ރަނގަޅަށް ކެއްކުމުން މި ނުރައްކާ ކުޑަވެއެވެ.

ދަޅުގައި ބަންދުކުރުމުގެ މަރުހަލާގައި މަތީ ހޫނުމިނެއްގައި ކާނާ ސްޓެރިލައިޒް ކުރެއެވެ. މީގެ ސަބަބުން ވިޓަމިން ސީ ފަދަ ފެނަށް ގިނަވާ ވިޓަމިންތައް ކޮންމެވެސް މިންވަރަކަށް ބޭރުވެދެއެވެ. ނަމަވެސް މިހާރުގެ ޓެކްނޮލޮޖީގެ އެހީގައި މިކަން ވެސް މަދުކުރެވި، ކާނާގެ ފައިދާ ކުރިއަށްވުރެ ރަނގަޅަށް ހިފެހެއްޓެއެވެ.

ސަމާލުވާންޖެހޭ ކަންތައްތައް:

ދަޅުގައި ބަންދުކުރި މޭވާ ނުވަތަ ތަރުކާރީ ގަންނައިރު ބައެއް ކަންކަމަށް ވިސްނުން މުހިންމެވެ. ގިނަ ދަޅު ތަރުކާރީގައި ލޮނު (ސޯޑިއަމް) ގިނައިން ހުރެދާނެއެވެ. އެހެންކަމުން "ނޯ އެޑެޑް ސޯލްޓް"  ޖަހާފައި ހުންނަ ދަޅު އިހުތިޔާރު ކުރުން ބުއްދިވެރިއެވެ. އަދި ބޭނުންކުރުމުގެ ކުރިން ދަޅުގައި ހުންނަ ފެންގަނޑު އޮއްސާލައި، ފެނުން ދޮވެލުމަކީ ލޮނުގެ މިންވަރު މަދުކުރަން ކުރެވިދާނެ ކަމެކެވެ.

ދަޅުގައި ބަންދުކޮށްފައި ހުންނަ މޭވާ ގަންނައިރު، ހަކުރު ގިނަ "ސިރަޕް" ގައި ހުންނަ މޭވާގެ ބަދަލުގައި، މޭވާގެ އަސްލު ޖޫހުގައި ހުންނަ ބާވަތްތައް އިހުތިޔާރު ކުރާށެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް އިތުރުވާ ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރެވޭނެއެވެ.

ބޭނުންކުރާނެ ގޮތް:

ދަޅު މޭވާއަކީ ސީރިއަލް ނުވަތަ ޔޯގަޓާ އެކު ކާލަން ވަރަށް ފަސޭހަ އެއްޗެކެވެ. ފްރޯޒަން ތަރުކާރީތައް ކެއްކުމުގައި ފަހު ވަގުތު ތަވާ ނުވަތަ ތެއްޔަށް އަޅާލައިގެން އަވަސް ފަރިވަޅެއް ތައްޔާރުކޮށްލެވިދާނެއެވެ. އަދި ދަޅުގައި ހުންނަ މުގާއި ބީންސްގެ ބާވަތްތަކަކީ ކައްކާފައި ހުންނަ ތަކެތި ކަމުން، ސަލަޑް ފަދަ ތަކެއްޗަށް އިތުރުކޮށްލުމުން ފައިބަރާއި ޕްރޮޓީންގެ މިންވަރު މަތިކޮށްދީ، ގިނައިރު ބަނޑުހައިނުވެ ހުރުމަށް އެހީތެރިވެދޭނެއެވެ.

ހިއްކާފައި ހުންނަ މުގާއި ބީންސްގެ ބާވަތްތަކަކީ އަގުގެ ގޮތުން އެންމެ ހެޔޮ ބާވަތްތަކެވެ. ނަމަވެސް މިއީ ތައްޔާރުކުރަން ވަގުތު ނަގާ ތަކެއްޗެވެ. ހިއްކި މޭވާ ކެއުމުގައި ސަމާލުވާންވީ، އެ ތަކެތި ހިއްކުމުން ހަކުރުގެ މިންވަރު ވަރަށް ބޮޑަށް ގަދަވާނެތީއެވެ. އެހެންކަމުން މިއީ ކޮންމެ ދުވަހަކު ކެއުމުގެ ބަދަލުގައި މަދު މަދުން ކާލަން ރަނގަޅު އެއްޗެކެވެ.

ޖުމްލަކޮށް ބަލާއިރު، ފްރޯޒަން އަދި ދަޅު ތަރުކާރީއަކީ ތާޒާ ތަރުކާރީއާ އެއްވަރަށް ސިއްހަތަށް ފައިދާހުރި، ހަރަދު ކުޑަ، އަދި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާވަތްތަކެކެވެ. މުހިންމީ އޭގައި ހިމެނޭ ލޮނާއި ހަކުރުގެ މިންވަރަށް ބަލައިގެން ބޭނުންކުރުމެވެ. ތާޒާ ތަރުކާރީ ލިބެން ނެތް ނަމަވެސް، މިފަދަ ވަސީލަތްތަކުގެ އެހީގައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ހޯދައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ރީތި އުސޫލުތަކުގެ ތެރެއިން ހަށިގަނޑަށް ދެވޭނެ ބޮޑު ސަމާލުކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450