ދުނިޔެ
އީރާނުން ބަޙްރޭނާއި ކުވެއިތަށް މިސައިލް ހަމަލާތަކެއް ދީފި
އީރާނުން ބަޙްރޭންއަށް ދިން ހަމަލާ
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އާދީއްތަ ދުވަހު ބަޙްރޭނާއި ކުވެއިތަށް އަމާޒުކޮށް ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާއިން އީރާނަށް ދިން ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ.
މި ހަމަލާތަކާއެކު އީރާނުން ވަނީ އެމެރިކާއިން ދެމުންގެންދާ ހަމަލާތައް ކުރިއަށްގެންދާނަމަ، މިހާރު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މުޅިން ހުއްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް އުފުލާ ހޮރްމޫޒް ކަނޑުއޮޅި، އީރާނުގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ހުޅުވާލުމަށް ކުރާ މަސައްކަތްތަކާ ގުޅިގެންނެވެ. އެމެރިކާގެ ނޭވީން އިސްވެ އޮވެ، އޮމާން ކައިރީގައި އޮންނަ މި ކަނޑުއޮޅީގެ މަގުތައް ފުޅާކޮށް، ދަތުރުފަތުރުގެ އައު އުސޫލުތަކެއް ކަނޑައެޅުމަށް ހޮނިހިރު ދުވަހު ނިންމި ނިންމުމަކީ މި ކުރިމަތިލުންތަކުގެ މައިގަނޑު ސަބަބެވެ.
އީރާނުން ދެކޭގޮތުގައި ހަނގުރާމައަށްފަހު އެ ކަނޑުއޮޅީގެ ފުރިހަމަ ބާރު އޮންނަންވާނީ ހަމައެކަނި އީރާނަށެވެ. ނަމަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުން ޒަމާނުއްސުރެ ޤަބޫލުކުރަމުން އައިސްފައިވަނީ އެއީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދެއްގެ ގޮތުގައެވެ. މި މައްސަލައިގައި އީރާނުން ވަނީ ފާއިތުވި ދުވަސްތަކުގައި އޮމާން މަގުން ދަތުރުކުރި އުޅަނދުފަހަރަށް ދެ ފަހަރެއްގެ މަތިން ހަމަލާދީފައެވެ.
މި ހާދިސާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ނުތަނަވަސްވެ، ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.