ދުނިޔެ

އާޝޫރާ ދުވަހުގެ ހިނގާލުމުގައި ވިހަ ބޭސް ބެހީ 15000 މީހުން މަރާލަން : ފައްޔާޒް ޕްރެމްޖީ

އާޝޫރާ ދުވަހުގެ ހިނގާލުމުގައި ވިހަ ބޭސް ބެހީ 15000 މީހުން މަރާލަން : ފައްޔާޒް ޕްރެމްޖީ

ފައްޔާޒް ޕްރެމްޖީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 ޖޫން 2026، 09:56

28 ޖޫން 2026، 09:56

އިންޑިއާގެ މުމްބާއީގައި މިދިޔަ ހުކުރު ދުވަހު ބޭއްވި މުޙައްރަމް މަހުގެ އާޝޫރާ ދުވަހުގެ ހިނގާލުމުގެ ތެރޭގައި، އާންމުންނަށް ވިހަ ބޭސް ގުޅަތަކެއް ބެހި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ސަލާމަތްވީ ހިނގާލުމުގެ ތެރޭގައި ހަރަކާތްތެރިވި އަންހެން ވޮލަންޓިއަރުންތަކެއްގެ ހުށިޔާރުކަމުންނެވެ.

މުމްބާއީގެ ބައިކުލާ ސަރަޙައްދުން ހައްޔަރުކޮށްފައިވަނީ ފައްޔާޒް ޕްރެމްޖީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ހައްޔަރުކުރީ ރޭމަތުއާބާދު ގަބުރުސްތާނު ކައިރީގައި ހިނގާލުމުގެ ބައިވެރިންނަށް "ތަދުކަނޑުވާ ގުޅަ" އަދި "ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ގުޅަ" ތަކެއްގެ ނަމުގައި ކެޕްސޫލްތަކެއް ބަހަނިކޮށެވެ. އޭނާ ބެހި ގުޅަތައް ކެއި 11 މީހަކު ބަލިވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ.

ފުލުހުން ބުނި ގޮތުގައި އެ ކެޕްސޫލްތަކުގައި ހުރީ މީދާ މަރަން ބޭނުންކުރާ ނުރައްކާތެރި ކެމިކަލެއް ކަމަށްވާ "ޒިންކް ފޮސްފައިޑް" އެވެ. މިއީ އިންސާނުންގެ ހަށިގަނޑަށް ދިޔުމުން ހިތާއި، ފުއްޕާމެޔާއި، ފުރަމޭ އަދި ކިޑްނީއަށް ބޮޑެތި ގެއްލުންތަކެއްދޭ، ވަކި ޚާއްޞަ އެންޓިޑޯޓެއް ނޯންނަ ވަރުގަދަ ވިހައެކެވެ.

މި މައްސަލާގައި ހައްޔަރުކުރި ފައްޔާޒް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާ ގޮތުގައި، އޭނާގެ މަގުސަދަކީ އެދުވަހު ހިނގާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން މަދުވެގެން 15،000 މީހުން މަރާލުމެވެ. އޭނާ ހައްޔަރުކުރިއިރު އޭނާގެ އަތުން 14،900 ވިހަގުޅަ ފެނިފައިވާއިރު، އިތުރު 30،000 ހުސް ކެޕްސޫލާއި 50 ކިލޯގެ ފޮސްފަރަސް ހޯދަން އޭނާ އޯޑަރު ދީފައިވާކަންވެސް ވަނީ ހާމަވެފައެވެ.

ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ޖަޔަންތު މީނާ ވިދާޅުވީ، ހައްޔަރުކުރި މީހާއަކީ ބީބީއޭ ގްރެޖުއޭޓެއް ކަމަށާއި، އޭނާ ކުރިން އީރާނާއި އިރާގަށް ދަތުރުކޮށްފައިވާ ކަމަށެވެ. މި ހަމަލާގެ ފަހަތުގައި އެއްވެސް ޓެރަރިސްޓް ޖަމާއަތެއްގެ އަތެއްވޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޯޓުން މިހާރު ވަނީ އޭނާގެ ބަންދަށް ދެ ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ. ބައިކުލާ ފުލުސް ސްޓޭޝަނުން މި މައްސަލަ ބަލަމުންދަނީ މީހަކަށް ނުރައްކާތެރި ގެއްލުމެއް ދިނުމުގެ ނިޔަތުގައި ވިހަ ދިނުމުގެ ދައުވާގެ ދަށުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450