ދުނިޔެ
ޕެރިހުގައި ބަނގުރާބުއިން މަނާކޮށްފި
ޕެރިސް ފޮޓޯ: ގޫގުލް
ފްރާންސްގެ ވެރިރަށް ޕެރިހުގައި ހޫނުމިން އާދަޔާ ހިލާފަށް މަތިވެ، ހޮސްޕިޓަލްތަކަށް ނުކަތާވަރަށް ބާރުބޮޑުވަމުންދާތީ، އާންމު ތަންތަނުގައި ބަނގުރާ ބޭނުންކުރުން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މަނާކޮށްފިއެވެ.
ޕެރިހުގެ ޕޮލިސް ޕްރިފެކްޓް ޕެޓްރިކް ފޯރޭ ވިދާޅުވީ، މި ދުވަސްވަރު ކުރިމަތިވަމުންދާ ރެކޯޑް މިންވަރެއްގެ ހޫނު ރާޅުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ވަސީލަތްތަކަށް ނުކަތާ މިންވަރަށް މިހާރު ކަންތައްތައް ގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާރު ހޮސްޕިޓަލްތަކަށް ކުރިމަތިވެފައިވާ ޕްރެޝަރު ކުޑަކުރަން އަޅުގަނޑަށް ޖެހޭ،" ހާލަތު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފޯރޭ ވިދާޅުވިއެވެ.
މި ނިންމުމާ އެކު، މި ހުކުރު ދުވަހުން ފެށިގެން ޕެރިހުގެ މަގުތަކާއި އާންމު އެހެނިހެން ތަންތަނުގައި ބަނގުރާ ބޭނުންކުރުމާއި، ފިހާރަތަކުން ބަނގުރާ ގަނެގެން ބޭރަށް ގެންދިއުން (ޓޭކްއަވޭ) ވަނީ މަނާކޮށްފައެވެ.
ބުރާސްފަތި ދުވަހު އާންމުކުރި އަމުރުގައިވާ ގޮތުން، ހުކުރު ދުވަހުގެ މެންދުރު 12:00 އިން ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އަށް، އަދި ހޮނިހިރު ދުވަހުގެ މެންދުރު 12:00 އިން އާދީއްތަ ދުވަހުގެ ހެނދުނު 07:00 އަށް އާންމު ތަންތަނުގައި ބަނގުރާ ބުއިން މަނާވާނެއެވެ. ނަމަވެސް، މި މަނާކުރުން ހުއްދަ އޮންނަ ރެސްޓޯރެންޓްތަކާއި ބާތަކުގެ ސަރަހައްދުތަކަކަށް ނުހިނގާނެ ކަމަށް ޕޮލިސް ޕްރިފެކްޗާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ފިހާރަތަކުން ބަނގުރާ ވިއްކުން މަނާވާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 07:00 އާ ހަމައަށެވެ. މި ގަވާއިދު ހަމައެކަނި ރާ ވިއްކާ ފިހާރަތަކަށްވެސް ހިނގާނެ ކަމަށް އަމުރުގައިވެއެވެ.
ފޯރޭ އިތުރަށް ވިދާޅުވީ، ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވާ އެކި ހާދިސާތަކާ ގުޅިގެން ޕެރިހުގެ ފަޔަރ ބްރިގޭޑުން ހަރަކާތްތެރިވާންޖެހޭ މިންވަރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 2,500 އަށްވުރެ ގިނަ އޮޕަރޭޝަންތައް ހިންގަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.