ރިޕޯޓް
ކަނޑުގެ މަސައްކަތްތެރިންނަކީ ބޮޑެތި ގޮންޖެހުންތަކާއެކު މުހިންމު މަސައްކަތެއް ކުރަމުންދާ ބައެއް
އެމް.އެސް.އެސް.ގެ މުވައްޒަފުންތަކެއް / ފޮޓޯ: އެމްއެސްއެސް
ކަނޑުގެ މަސައްކަތްތެރިންނަކީ ޤައުމުގެ އިޤުތިޞާދާއި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މުހިންމު ބައެކެވެ.
މިގޮތުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކަނޑުގެ މަސައްކަތްތެރިންގެ ދުވަހެވެ. މި ދުވަހަކީ ބައިނަލްއަޤުވާމީ ވިޔަފާރިއާއި ދުނިޔޭގެ އިޤުތިޞާދު ދެމެހެއްޓުމުގައި ކަނޑުމަތީގައި މަސައްކަތްކުރާ ފަރާތްތަކުން އަދާކުރާ އަގުނުކުރެވޭ ފަދަ މުހިންމު ދައުރު ބަލައިގަނެ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމްޢިއްޔާ (އައި.އެމް.އޯ) އިން މި އަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދުނިޔޭގެ ވިޔަފާރި އުފުލުން: ނުރައްކާތަކާ ކުރިމަތިލުން" މިއެވެ. މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނުގައި ޚާއްޞަ ސަމާލުކަމެއް ދީފައިވަނީ ކަނޑުމަތީގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ނަފްސާނީ ފިއްތުންތަކުގެ އިތުރުން، ނުރައްކާތެރި ސަރަޙައްދުތަކާއި ހަމަނުޖެހުންތައް ހިނގާ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުންނަށް ކުރިމަތިވާ ނުރައްކާތަކަށެވެ.
އެމް.އެސް.އެސް.ގެ ބޯޓެއްގެ ތެރޭގައި ފަޅުވެރިން ހަރަކާތްތެރި ވަނީ / ފޮޓޯ: އެމް.އެސް.އެސް
އައި.އެމް.އޯ އިން ހާމަކުރި ގޮތުގައި، މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ ކަނޑުގެ މަސައްކަތްތެރިންގެ ޚިދުމަތްތައް ބަލައިގަތުމާއެކު، އެމީހުންގެ މަސައްކަތުގެ ފަހަތުގައިވާ ޤުރުބާނީތަކާއި ގޮންޖެހުންތައް ހާމަކުރުމެވެ. އެ ޖަމްޢިއްޔާއިން ފާހަގަކުރި ގޮތުގައި މި ފަރާތްތަކުން ކުރާ މަސައްކަތަކީ ގިނަ ފަހަރަށް އާންމުންގެ ލޮލަށް ނުފެންނަ، "ފަރުދާގެ ފުރަގަހުގައި" ކުރެވޭ ބުރަ މަސައްކަތްތަކެކެވެ.
ދިވެހިރާއްޖެއަކީ ވިޔަފާރިއަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ އެތެރެކުރުމުގައި ކަނޑުދަތުރުފަތުރަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ދާއިރާ ހަރުދަނާކުރުމަށް އިސްކަންދެއްވާއިރު، ޤައުމީ ޝިޕިންގް ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމް.އެސް.އެސް) އިން ދަނީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ގުޅުންތަކާއި ލޮޖިސްޓިކްސް ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިއީ ޤައުމުގެ އިޤުތިޞާދީ ތަރައްޤީއަށާއި ޒަރޫރީ މުދާ މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
މި އަހަރުގެ ޝިއާރުން ރަމްޒުކޮށްދެނީ ކަނޑުގެ މަސައްކަތްތެރިންނަކީ ހަމައެކަނި މުދާ އުފުލާ ބައެއް ނޫން ކަމާއި، އެމީހުންނަކީ ސަލާމަތީ ފިޔަވަޅުތަކާއި ފަންނީ ހުނަރުގެ އެހީގައި ބޮޑެތި ނުރައްކާތައް މެނޭޖްކުރުމުގެ ޒިންމާ އުފުލާ ބައެއް ކަމެވެ. މިގޮތުން، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި، މީހަކު މޫދަށް ވެއްޓިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތްތަކުގެ ތަމްރީނުތައް ފަޅުވެރިން ފުރިހަމަކުރަންޖެހެއެވެ.
މީގެ އިތުރުން، ކަނޑުމަތީގެ ނުރައްކާތައް ކުޑަކުރުމަށްޓަކައި ޒަމާނީ ނެވިގޭޝަން ނިޒާމުތަކަށް އިންވެސްޓްކުރަމުންދާއިރު، ފަޅުވެރިންގެ ދުޅަހެޔޮކަމަކީވެސް ނުހަނު މުހިންމު ކަމެކެވެ. އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމާއި، ބުރަ މަސައްކަތުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އަސަރުތައް ކުޑަކުރުމަށް ޝިޕިންގް ކުންފުނިތަކާއި ސަރުކާރުތަކުން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމަށް އައި.އެމް.އޯ އިން ވަނީ ގޮވާލާފައެވެ.
2026 ވަނަ އަހަރުގެ ކެމްޕޭނުގެ ބައެއްގެ ގޮތުން، ކަނޑުމަތީގެ ދިރިއުޅުމުގެ ހަޤީޤަތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި އެމީހުންގެ މަސައްކަތުގައި ކުރިމަތިވާ މުހިންމު ތަޖުރިބާތައް ހިއްސާކުރުމަށް އައި.އެމް.އޯއިން ފަޅުވެރިންނަށް ހިތްވަރުދެއެވެ.
ހަމައެއާއެކު، ޝިޕިންގް ކުންފުނިތަކާއި ކަމާގުޅޭ ޖަމްޢިއްޔާތަކުން ފަޅުވެރިންގެ ސަލާމަތާއި ދުޅަހެޔޮކަމަށް ކުރާ މަސައްކަތްތައް ހާމަކުރުމަށާއި، ސަރުކާރުތަކާއި ޖަމްޢިއްޔާތަކުން ދަތި ހާލަތްތަކުގައި މަސައްކަތްކުރާ މީހުން ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ދައްކާލުމަށްވެސް ވަނީ ދައުވަތު ދީފައެވެ. އާންމު ރައްޔިތުންނަށްވެސް #DayoftheSeafarer ހޭޝްޓެގް ބޭނުންކޮށްގެން ކަނޑުމަތީގައި މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރުގެ މެސެޖުތައް ފޮނުވުމުގައި ބައިވެރިވެވިދާނެއެވެ.
ދުނިޔޭގެ ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ ފަދަ ޒަރޫރީ މުދާ އުފުލުމުގައި ކަނޑުގެ މަސައްކަތްތެރިން އަދާކުރާ ދައުރުގެ ބޮޑުކަމުން، މި ދުވަހަކީ އެފަރާތްތަކުގެ ހިތްވަރާއި، ސާބިތުކަމާއި އަދި ކުރާ ޤުރުބާނީތައް މުޅި ދުނިޔެއަށް ހަނދާންކޮށްދޭ މުހިންމު މުނާސަބަތެކެވެ.