ދުނިޔެ

ފަރަންސޭސިވިލާތުން ފުރަތަމަ ފަހަރަށް އިބޯލާ ޖެހިފައިވާ މީހަކު ފެނިއްޖެ

ފަރަންސޭސިވިލާތުން ފުރަތަމަ ފަހަރަށް އިބޯލާ ޖެހިފައިވާ މީހަކު ފެނިއްޖެ

އިބޯލާ އަށް ފަރުވާދޭ ޑޮކްޓަރެއް ފޮޓޯ: ސީއެންއެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޖޫން 2026، 01:08

25 ޖޫން 2026، 01:08

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ހިންގި އިންސާނީ އެހީގެ މިޝަނަކަށްފަހު އެނބުރި ރަށަށް ދިޔަ ފަރަންސޭސި ޑޮކްޓަރަކަށް އިބޯލާ ޖެހިފައިވާކަން އެ ގައުމުގެ ސިއްހީ ވުޒާރާއިން ކަށަވަރުކޮށްދީފިއެވެ. މިއީ ފަރަންސޭސިވިލާތުން މި ބަލި ޖެހިފައިވާ މީހަކު ފެނުނު ފުރަތަމަ ފަހަރެވެ.

ފަރަންސޭސި ސިއްހީ ވުޒާރާއިން ބުދަ ދުވަހު ބުނި ގޮތުގައި، ބަލިޖެހުނު ޑޮކްޓަރު ވަނީ ވަގުތުން ޚާއްޞަ ފަރުވާދޭ މަރުކަޒެއްގައި އެޑްމިޓްކޮށްފައެވެ. އަދި އޭނާގެ ހާލު މިހާރު ސްޓޭބަލް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އިބޯލާ ފެތުރެން ފަށާފައިވާކަން އެ ގައުމުން އިއުލާންކުރީ މިދިޔަ މަހުގައެވެ. ނަމަވެސް ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި އޭގެ ހަފުތާތަކެއް ކުރިންވެސް އެ ގައުމުގައި ވައިރަސް ދިޔައީ ފެތުރެމުންނެވެ. ކޮންގޯގައި މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، 260 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

މިއީ ޔޫރަޕްގެ ގައުމަކުން އިބޯލާ ކޭސްއެއް ފެނުނު ފުރަތަމަ ފަހަރު ކަމަށްވިޔަސް، މީގެ ކުރިން ކޮންގޯގައި ބަލިޖެހުނު އެމެރިކާގެ ޑޮކްޓަރަކަށް ޖަރުމަނުގެ ހޮސްޕިޓަލެއްގައި މިދިޔަ މަހު ވަނީ ފަރުވާ ދީފައެވެ. ކޮންގޯގެ އަވަށްޓެރި ޔުގެންޑާއިންވެސް މިހާރު ވަނީ މި ބަލި ފެނިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނާ ގޮތުގައި ޔުގެންޑާގައި 20 މީހަކަށް ބަލިޖެހި، އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ.

ފަރަންސޭސި ސިއްހީ ވުޒާރާއިން ބުނީ އާންމުންނަށް މި ބަލީގެ ނުރައްކާ އޮތީ "ވަރަށް ކުޑަ" މިންވަރަކަށް ކަމަށެވެ. ހަމައެފަދައިން، ޑަބްލިއު.އެޗް.އޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރިއޭސަސް ވެސް ވަނީ މުޅި ދުނިޔެއަށް މި ބަލީގެ ނުރައްކާ ކުޑަ ކަމަށާއި، ބިރުގަންނަންޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. ބަލިޖެހުނު ޑޮކްޓަރާ ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އިބޯލާއަކީ ހަށިގަނޑުން ބޭރުވާ ދިޔާ އެއްޗެހީގެ ޒަރީއާއިން ފެތުރޭ ބައްޔަކަށް ވާތީ، ސިއްހީ އެހީތެރިންނަށް މި ބަލީގެ ނުރައްކާ ވަރަށް ބޮޑެވެ. ޑަބްލިއު.އެޗް.އޯއިން ހާމަކުރި ގޮތުގައި، ކޮންގޯގައި މި ބަލި ޖެހުނު 75 ސިއްހީ އެހީތެރިންގެ ތެރެއިން 17 މީހަކު ވަނީ މަރުވެފައެވެ. މިހާރު ފެތުރެމުންދާ އިބޯލާ އައުޓްބްރޭކަކީ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ ވައިރަސްގެ ބާވަތަކުން ޖެހޭ ބައްޔެކެވެ. މިއީ މިހާތަނަށް ވެކްސިނެއް އުފެއްދިފައި ނުވާ ބާވަތެކެވެ.

އެފްރިކާގެ ސީޑީސީ އާއި އެމެރިކާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، މިހާރު ފެތުރެމުންދާ މި ބަލިމަޑުކަމަކީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް އައުޓްބްރޭކަށް ވުމުގެ ފުރުސަތު އެބައޮތެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450