Ads by Farudhun

ޚަބަރު

މިސްކިތްތަކަށް ދާއިމީ އިމާމުން ހޯދުމަށް "އިމާމްކަމުގެ އާންމު އިމްތިޙާނެއް" ތަޢާރަފްކުރަނީ

މިސްކިތްތަކަށް ދާއިމީ އިމާމުން ހޯދުމަށް "އިމާމްކަމުގެ އާންމު އިމްތިޙާނެއް" ތަޢާރަފްކުރަނީ

އިސްލާމިކް މިނސްޓްރީ - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ޖޫން 2026، 06:31

22 ޖޫން 2026، 06:31

ރާއްޖޭގެ ގިނަ ރަށްތަކެއްގެ މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ ގޮތުން، "އިމާމްކަމުގެ އާންމު އިމްތިޙާނެއް" ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މިސްކިތްތަކުގައި މިވަގުތު ތިބީ ވަގުތީ އިމާމުންނެވެ. މި މައްސަލަ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބަކީ މިސްކިތްތަކުގެ އަދަދު އިތުރުވުމާއި، އިމާމުކަމުގެ ވަޒީފާ އަދާކުރެވޭ ފެންވަރުގެ މީހުން ބައެއް ރަށްރަށުގައި މަދުވުމެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މިހާރު ރާވަމުންދަނީ އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން މި ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. މީގެ އިތުރުން، އިމާމުކަމުގެ ރަސްމީ ކޯހެއް ފުރިހަމަކޮށްފައި ނެތް ނަމަވެސް، އެ މަޤާމަށް ބޭނުންވާ ޢިލްމާއި ހުނަރު ހުރި ފަރާތްތަކަށް ފުރުޞަތު ދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، މިނިސްޓްރީން ކަނޑައަޅާ ވަކި މުޤައްރަރެއްގެ ދަށުން ކޮންމެ އަހަރަކުވެސް އިމާމުކަމާ ގުޅޭ އާންމު އިމްތިޙާނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިޙާނުން ފާސްވާ ފަރާތްތަކަށް އިމާމުކަން ކުރުމުގެ ރަސްމީ ހުއްދައެއް ދޫކުރުމަށް މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ވިދާޅުވީ، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށްދާ މަޝްވަރާތަކަށްފަހު، މި އުޞޫލުގެ ދަށުން އަމަލުކުރާނެ ގޮތުގެ ތަފްސީލު ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެނީ މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، މިސްކިތްތަކަކީ ތަރުބަވީ މަރުކަޒުތަކަކަށް ހަދައި، އެ ތަންތަނުގައި ދާއިމީކޮށް ޚިދުމަތް ދޭނެ ޤާބިލު އިމާމުން ބޭތިއްބުމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450