ޚަބަރު
މިދިޔަ މަހު އާއިލާ އާއި އިޖުތިމާޢީ ވުޒާރާއަށް ކުޑަކުދިންނާ ގުޅޭ 80 އަށްވުރެ ގިނަ މައްސަލަ
މާލޭގެ މަންޒަރެއް. ފޮޓޯ: އިންޓަނެޓު
ނިމިދިޔަ މޭ މަހު ޞިއްޙަތާއި، ޢާއިލާ އާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއަށް 260 އަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާއިރު، އޭގެ ތެރެއިން 80 އަށްވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅޭ މައްސަލަތައްކަން، އެ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ކުދިންނަށް އިޙުމާލުވުމުގެ މައްސަލަތަކެވެ. މީގެ އިތުރުން، އާއިލީ މައްސަލަތަކަށް ހުށައެޅޭ ކުދިންގެ މައްސަލަ އާއި އެހެނިހެން މައްސަލަތައް ވެސް މީގެތެރޭގައި ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ 81 މައްސަލައެއް ލިބިފައިވާއިރު، އެންމެ ގިނައިން ހުށައަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ކަމާ ގުޅޭ 25 މައްސަލައެއް އެ ވުޒާރާއަށް ވަނީ ލިބިފައެވެ. އަނިޔާގެ އެހެން މައްސަލަތަކުގެ ތެރޭގައި، އިޙުމާލުވުމުގެ 19 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 12 މައްސަލައެއްގެ އިތުރުން، ހަނގާކުރުމާއި ސައިބަރ ބުލީގެ މައްސަލަތައް ހިމެނެއެވެ.
ކުޑަކުދިންގެ އަޚުލާޤީ މައްސަލަތަކުގެ ގޮތުގައި 44 މައްސަލައެއް މިނިސްޓްރީއަށް ހުށައަޅާފައިވާއިރު، ސުކޫލަށް ދިއުމަށް ދެކޮޅު ހެދުމުގެ 8 މައްސަލައެއް މީގައި ހިމެނެއެވެ.
އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ 36 މައްސަލައެއް ހުށައަޅާފައިވާއިރު، އާއިލީ މައްސަލަތަކުގެ ގޮތުގައި ހުށައަޅާފައިވަނީ 30 މައްސަލައެވެ. އަދި އެހެނިހެން މައްސަލަތަކުގެ ގޮތުގައި 58 މައްސަލަ ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު، ވުޒާރާގެ ހެލްޕްލައިނަށް 3000 އަށްވުރެ ގިނަ ކޯލު ލިބިފައިވާއިރު، އޭގެތެރެއިން 71 ކޯލަކީ، ކުޑަކުދިން އަމިއްލައަށް ގުޅައިގެން ހުށައަޅާފައިވާ މައްސަލަތަކެވެ.