Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަރުމަނުވިލާތަށް ފުރާވަޑައިގެންފި

ޖަރުމަނުވިލާތަށް ފުރާވަޑައިގަތުން/ ފޮޓޯ:ރައީސް އޮފީސް

ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޖަރުމަނުވިލާތަށް ފުރާވަޑައިގެންފިއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ލީޑަރުންނާއެކު ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފޯރަމް ކުރިއަށްދާނީ މިހިނގާ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ގެ ނިޔަލަށެވެ.

މިއަހަރުގެ ފޯރަމްގައި ދުނިޔޭގެ ލީޑަރުންނާއި، ސިޔާސަތު އެކުލަވާލާ އިސްފަރާތްތަކާއި، އެންމެ ބޮޑަށް އަސަރުކޮށްފައިވާ މުޖުތަމަޢުތަކުގެ މަންދޫބުންގެ އިތުރުން އެބައެއްގެ ފެންވަރުގައި ހައްލުތައް ޤާއިމުކުރަމުންދާ ޒުވާން އީޖާދުވެރިން އެއްތަންވެ މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގެ މަޤްޞަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކާ ގުޅިގެން، މޫސުމީ ހިޖުރަކުރުމާއި، ވަޒަންދޫކޮށްދާންޖެހުމާއި، އަދި އެކަންކަމަށް ހޭނުމަށް ކަނޑައަޅާ އިސްތިރާޖީތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަޝްވަރާތައް އިތުރަށް ކުރިއެރުވުމެވެ.

މީގެ އިތުރުން، ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް ނުވަތަ މޫސުމީ ހިޖުރަކުރުމާ ބެހޭ ބައިނަލްއަޤްވާމީ އުޞޫލުތައް މިއަހަރު ރަސްމީކޮށް ފާސްކުރުމަށް ނިންމާފައިވާއިރު، މި މަތީ ފަންތީގެ އެއްބަސްވުމުން ބާރުއަޅަނީ، މީހުންގެ އަމިއްލަ މުޖުތަމަޢުތަކުގައި ދެމިތިބުމުގެ ޙައްޤު ހިމާޔަތްކޮށްދޭނެ ފަދަ ހޭނުމުގެ މަގުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ. ހަމައެހެންމެ، އެހެން ސަރަޙައްދަކަށް ބަދަލުވާންޖެހޭ ހާލަތްތަކުގައިވެސް، އެކަން ކުރަންވާނީ އިންސާނީ ކަރާމާތް ހިފަހައްޓައިގެންކަން މި އުޞޫލުތަކުގައި ކަށަވަރުކޮށްދޭއިރު، މި ފޯރަމްގެ ތެރެއިން، މި އެއްބަސްވުންތައް ޢަމަލީ ބައިވެރިވުމަކަށް ބަދަލުކޮށް، ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލާނެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ޙައްޤުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަންގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450