ދުނިޔެ
ހޯރްމުޒް ކަނޑުއޮޅިން 24 ގަޑިއިރު ތެރޭގައި 28 އުޅަނދެއް ދަތުރުކޮށްފި
ހޮރުމޫޒު ކަނޑުއޮޅި - ފޮޓޯ : އަރަބިޔާ އިންގްލިޝް
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހޯރްމުޒް ކަނޑުއޮޅިން 28 އުޅަނދެއް ވަނީ ދަތުރުކޮށްފައިވާކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ހާމަކޮށްފިއެވެ.
މި އުޅަނދުތަކުގެ ތެރޭގައި ތެޔޮ އުފުލާ ބޯޓުފަހަރާއި، ކޮންޓޭނަރު އުފުލާ އުޅަނދުތަކުގެ އިތުރުން ވިޔަފާރި ކުރާ އެކި ބާވަތުގެ ބޯޓުފަހަރު ހިމެނޭ ކަމަށް އައި.އާރް.ޖީ.ސީ އިން ބުނެއެވެ. އަދި މި ހުރިހާ އުޅަނދެއްވެސް ދަތުރުކޮށްފައިވަނީ އެ ފައުޖުގެ ކަނޑުގެ ސިފައިންގެ ފުރިހަމަ ސަލާމަތީ ރައްކާތެރިކަމާއި ކޯޑިނޭޝަނުގެ ދަށުން ކަމަށްވެސް އެ ފަރާތުން ބަޔާންކުރެއެވެ.
އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އައި.އާރް.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހޯރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާ ކޮށް، މެދުކެނޑުމެއް ނެތި ވަރަށް ވަރުގަދައަށް ކުރިއަށްދާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮތްކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އުފުލާ މި ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި ވަރަށް މުހިންމު ސަރަހައްދެކެވެ. އީރާނުން މިފަދަ ބަޔާނެއް ނެރެފައިވަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެ ގައުމުގެ ދައުރު ބޮޑުކަން ހާމަކުރުމުގެ ގޮތުންނެވެ.