Ads by Farudhun

ޚަބަރު

އަމުރަށް ނުކިޔަމަންތެރިވުމުން އަދަދު ނޫސް ތަމްސީލްކުރާ ނޫސްވެރިންނަށް ފިޔަވަޅު އަޅައިފި

އަމުރަށް ނުކިޔަމަންތެރިވުމުން އަދަދު ނޫސް ތަމްސީލްކުރާ ނޫސްވެރިންނަށް ފިޔަވަޅު އަޅައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް---

farudhun logo

ފަރުދުން

12 މޭ 2026، 12:14

12 މޭ 2026، 12:14

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން "އަދަދު" ނޫސް ތަމްސީލްކުރާ ނޫސްވެރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިނުކުރުމަށް އެ އޮފީހުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިގޮތަށް ޢަމަލުކުރަން ނިންމިކަން މީޑިއާތަކަށް ހާމަކުރަމުން އެ އޮފީހުން ބުނީ، "އަދަދު" ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަވަމުންދާކަމަށް އަންގާފައިވާކަމަށެވެ. 

މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" އެއް ނެރެފައެވެ. އެ އަމުރުގައި އޮތީ "އަދަދު" ނޫހުން ދެއްކި ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަމުރުގައި އޮތެވެ.

ނަމަވެސް މިކަމަށް އިޙްތިރާމްނުކޮށް، މޭ 11 ވީ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޛާން ޢަމަލުކޮށްފައިވާތީ "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"އަށް ރިޢާޔަތްކޮށް ބުނެވިދިޔަ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ޙުއްދަ އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ނިންމައިފައިވާކަން ވަނީ ހާމަކޮށްފައެވެ.

ރައީސް ޑރ. މުއިއްޒަށް ތުހުމަތުކޮށް "އަދަދު" ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް މިހާރު ދަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ ކުރަމުންނެވެ. ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން، މި މައްސަލައިގެ އެއްވެސް މައުލޫމާތެއް ފަތުރާ ނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450