ޚަބަރު
އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީންގެ ޙައްގުތައް ހިމާޔަތްކުރުމަށް ހިންގާ ހަރަކާތެއް: ރައީސް ޑރ. މުޢިއްޒު
އޮޕަރޭޝަން ކުރަނގި ފޮޓޯ: އިމިގްރޭޝަން
އޮޕަރޭޝަން ކުރަނގި' އަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޙައްގުތައް ހިމާޔަތްކޮށް، އެފަރާތްތަކުގެ އިންސާނީ ކަރާމާތް ދެމެހެއްޓުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ފަދަ ވަރުގަދަ މަސައްކަތްތަކެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު އައިއިރު މައުލޫމާތު އެނގެން ހުރީ ބިދޭސީންގެ އެންމެ 13 އިންސައްތަ ކަމުގައި ވީނަމަވެސް، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އެ އަދަދު 98 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީންނަށް އަދަބު ދިނުމަށް ހިންގާ ހަރަކާތެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ އެމީހުންގެ މައުލޫމާތު ސަރުކާރުގެ ދަފްތަރުގައި ހިމަނައި، އެމީހުންގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.
"ޙައްގުތައް ހިމާޔަތްކުރެވޭނީ ކާކުކަން، ކޮންތާކު އުޅޭ މީހެއްކަން އެނގިގެނެއްނު. މިރާއްޖޭގައި ކުރީގައި އޮތީ ހަމަ މުޅިން އިންސާނީ ކަރާމާތް ގެއްލޭގޮތަށް މިކަން ކޮށްފައި. ބަޔަކުމީހުން އެ މީހުންގެ އަމިއްލަ ފައިދާއަށޭ ދެންނެވޭނީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މި އޮޕަރޭޝަންގެ ދަށުން މައުލޫމާތު އެއްކުރެވޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތަކުގެ ތެރެއިން ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ފޮނުވާލުމުގެ ކަންކަންވެސް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިދޭސީންގެ މައްސަލައަކީ ޤައުމީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިކަމަށް ދާއިމީ އަދި ވަށާޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.