ޚަބަރު
ރައްޔިތުންނާއެކު ބާއްވާ ސިލްސިލާ ބައްދަލުވުންތައް ޖޫންމަހު އަލުން ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްޓަކައި ސިލްސިލާކޮށް ބާއްވަވަމުން ގެންދެވި ބައްދަލުކުރެއްވުންތައް އަންނަ ޖޫންމަހު އަލުން ފެއްޓެވުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކުގެ ތެރެއިން މާލޭގެ ވަކިވަކި އަވަށްތަކުގެ ރައްޔިތުންނާއި، އެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން އަތޮޅުތަކުގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.
އަޅުގަނޑު މަސައްކަތް ކުރާނީ ހަމަ ވަގުތު އޮތް މިންވަރަކުން އިރާދަކުރެއްވިއްޔާ މި ބައްދަލުކުރެއްވުންތައް ބޭއްވޭތޯ އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތު ނޯންނަކަހަލަ ކަމެއް ދިމާނުވާހާ ހިނދެއްގައި. ހަފުތާއަކު އެއް ދުވަހު ނޫނިއްޔާ ވީހާވެސް އަވަސްކޮށް ރައްޔިތުންގެ ބައްދަލުވުންތައް ބާއްވާނަން،
ރައީސް
މީގެ އިތުރުން، ރައްޔިތުންގެ ތެރޭގައި ހިމެނޭ ވަކިވަކި ދާއިރާތަކަށް ޚާއްޞަކޮށްގެން 'ސެކްޓޯރަލް' ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކި ޕްރޮފެޝަންތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ރޭވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އެއްސެވުމަކީ އެމަނިކުފާނު ވަރަށް އިސްކަންދެއްވާ ސިޔާސަތެއް ކަމަށެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން އެދޭގޮތަށް ބައްޓަންކުރުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޔަޤީންކަމެއް ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންތައްތައް ގެންދިއުމުގައި. އަދި ސީދާ އަޅުގަނޑާ ހަމައަށް ނައިސް ހުންނަ އެކިކަހަލަ ކަންތައްތައް ހުރޭ، އެކަންކަން ހައްލުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށްވޭ އެކަން އެގޮތަށް ކުރުން،
ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ސަރުކާރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ މައިގަނޑު އަމާޒުކަމުގައި ވިދާޅުވަމުންނެވެ.