ރިޕޯޓް
ސޯޝަލްމީޑިއާގެ އުފާވެރި ޕޯސްޓުތަކުގެ ފަހަތުގައިވާ އެކަނިވެރި މައިންބަފައިން
ފޮޓޯ: ފަރުދުން
މިއަދަކީ މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ މައިންގެ ދުވަހެވެ. މެއި 10، 2026 ވަނަ ދުވަހަށް އިރުއެރީއްސުރެ، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ވަނީ މަންމައިންނަށް ތަޙުނިޔާ ކިޔާފައިވާ ޕޯސްޓުތަކާއި، ވީޑިއޯތަކާއި، ފޮޓޯތަކުން ފުރިފައެވެ. ފޭސްބުކް، އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ވަސީލަތްތަކުގައި ކޮންމެ މީހަކުވެސް މަސައްކަތްކުރަނީ އެމީހެއްގެ މަންމަދެކެ އެންމެ ލޯބިވާކަން ސާބިތުކޮށްދިނުމަށެވެ. "މަގޭ ދުނިޔެ"، "މަގޭ ރާނީ" ފަދަ އިބާރާތްތަކުން ޒީނަތްތެރިކޮށްފައިވާ މެސެޖުތަކާއި، މަންމައާއެކު ނަގާފައިވާ އެންމެ ރީތި ފޮޓޯތައް އާންމުކުރަމުންދާއިރު، މިއީ ހަގީގަތުގައިވެސް އެ މައިންނަށްޓަކައި ކުރާ ކަމެއްތޯ ނުވަތަ މުޖުތަމައަށް ދައްކާލުމަށް ކުރާ ކަމެއްތޯ ސުވާލު އުފެދެއެވެ.
މި އުފާވެރި މަންޒަރުތަކުގެ ފަހަތުގައި ފޮރުވިފައިވާ ހިތްދަތި ހަގީގަތަކީ، ސްމާޓްފޯނުގެ ސްކްރީނުން ފެންނަ ލޯތްބާއި، ހަގީގީ ދިރިއުޅުމުގައި މައިންބަފައިންނަށް ދެވޭ އަޅާލުމާ ދެމެދު އޮތް ބޮޑު ފަރަގެވެ. ގިނަ ކުދިންނަށް މިއަދު މައިންބަފައިންގެ ހާލު ކިހިނެއްތޯ އަހާލަންވެސް ވަގުތެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދިގު ޕޯސްޓުތައް ލިޔަމުންދާއިރު، މަންމަ އިންނަން ޖެހެނީ ގޭގެ ހަތަރުފާރުގެ ތެރޭގައި އެކަނިވެރިކަމާއެކުގައެވެ. ބައެއް ފަހަރު، ދަރިފުޅު އިންސްޓަގްރާމްގައި މަންމަގެ ފޮޓޯއެއް ޕޯސްޓުކޮށް "ހެޕީ މަދާސް ޑޭ" ޖަހާއިރު، އެ މަންމަ އޮންނަނީ ކައިރީގައި ހުރި ކޮޓަރީގައި ބަލިވެ، ފެންފޮދެއް ދޭނެ މީހަކަށް އެދިއެދިއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދާ އެންމެ ހިތްދަތި އެއް މަންޒަރެވެ.
މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ވެފައިވަނީ ދެ މިޔަލީ ކަނޑިއަކަށެވެ. މައިންގެ ދުވަސް ފަދަ ދުވަސްތަކުގައި ގިނަ ބަޔަކު ޕޯސްޓުތައް ކުރަނީ ހަޤީޤީ ލޯތްބަށްވުރެ ބޮޑަށް، މުޖުތަމައަށް ދައްކާލުމުގެ ބޭނުމުގައެވެ. ލިބޭ "ލައިކްސް" އާއި "ކޮމެންޓްސް" އިން ހިތްހަމަޖެހުން ހޯދާއިރު، އެ ޕޯސްޓުގައިވާ މަންމައަށް އެ ލޯބި އިހުސާސެއް ނުކުރެވެއެވެ. އަހަރަކު އެއް ދުވަހު ފޮނުވާލާ މެސެޖަކުން ނުވަތަ ކާޑަކުން، މައިންބަފައިން އަޅުގަނޑުމެންނަށްޓަކައި އުފުލި ބުރައިގެ އަގު އަދާކުރެވޭނެ ހެއްޔެވެ؟ އެމީހުން ބޭނުންވަނީ އަހަރަކު އެއްފަހަރު ދޭ ހަދިޔާއެއް ނޫނެވެ. އެމީހުން އެދެނީ ކޮންމެ ދުވަހަކުވެސް ދަރިންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި، ވަގުތާއި، އަޅާލުމަށެވެ.
ޑިޖިޓަލް ލޯތްބަކީ މުސްކުޅި މައިންބަފައިންނަށް ދޭހަވާ އެއްޗެއް ނޫނެވެ. އެމީހުންނަށް ބޭނުންވަނީ ދަރިން އެމީހުންނާއެކު ވަގުތު ހޭދަކުރުމެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމެވެ. ގިނަ ފަހަރަށް ފެންނަނީ އެއް ކޮޓަރިއެއްގައި ތިބެގެންވެސް، ދަރިފުޅު ފޯނަށް ގެއްލިފައި އިންނަ މަންޒަރެވެ. މަންމަ ވާހަކައެއް އަހާލިޔަސް، ފޯނާ ދިމާއަށް ބަލަހައްޓައިގެން އިނދެ ފޫހިކަމާއެކު ޖަވާބުދޭއިރު، ހަމަ އެ ވަގުތު އެ ދަރިފުޅު ސޯޝަލް މީޑިއާގައި މަންމަދެކެ ލޯބިވާކަމަށް ބުނެ ޕޯސްޓުކުރުމަކީ ކޮންފަދަ ބޮޑު ފުށުއެރުމެއް ހެއްޔެވެ؟ ފޯނުން ގުޅާލައި ހާލު އަހާލުމަކީވެސް ބުރަ ކަމަކަށް ވެފައިވާއިރު، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކަކީ ހަމައެކަނި އަމިއްލަ ނަފްސު ކުށްވެރިވުމުން ސަލާމަތްވުމަށް ކުރާ ކަމެއް ކަމުގައި ބެލެވިދާނެއެވެ. މިއީ ހަގީގީ ލޯތްބެއް ނޫނެވެ. މިއީ ހަމައެކަނި ދެއްކުންތެރިކަމެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، މުސްކުޅިންނަށް އަޅާލުމަކީ މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި މީހުންގެ އުމުރު ދިގުވަމުން އަންނައިރު، ދިވެހިންގެ އުމުރުގެ މެދުމިން މިހާރު ވަނީ 80 އަހަރަށްވުރެ މައްޗަށް ގޮސްފައެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދައުލަތުން 5000 ރުފިޔާގެ އަސާސީ ޕެންޝަނެއް ދިން ނަމަވެސް، އެމީހުންނަށް ބޭނުންވާ ނަފްސާނީ އަދި ޖިސްމާނީ އަޅާލުން ފޯރުކޮށްދޭނެ އެކަށީގެންވާ ނިޒާމެއް ނެތެވެ. މާލޭގެ އުސް އިމާރާތްތަކުގައި ލިފްޓު ނެތުމުގެ ސަބަބުން އެތައް މުސްކުޅިންނެއް ވަނީ ގޭގައި ތާށިވެފައެވެ. މިސްކިތަށް ދިއުމާއި، ރައްޓެހިންނާ ބައްދަލުކޮށްލުމަކީ އެމީހުންނަށް މިއަދު ކުރެވެން ނެތް ކަންކަމެވެ. ރަށްރަށުގައިވެސް ހާލަތު ހުރީ މިފަދަ ގޮތަކަށެވެ. ޒުވާނުން ވަޒީފާ ހޯދުމަށް މާލެއަށް ހިޖުރަކުރުމުން، މުސްކުޅި މައިންބަފައިން ތިބެންޖެހެނީ ފަޅުވެފައިވާ ބޮޑެތި ގޭގޭގައި އެކަނިމާއެކަންޏެވެ.
ގިނަ އާއިލާތަކުގައި މައިންބަފައިން ބޭނުންކުރަނީ ގޭގައި ގެންގުޅޭ ނޯކަރުންގެ ގޮތުގައެވެ. ދަރިން ވަޒީފާއަށް ދަމުން، އެމީހުންގެ ކުދިން ބެލެހެއްޓުމުގެ މުޅި ޒިންމާ މުސްކުޅި މައިންބަފައިންގެ ބޮލުގައި އަޅުވައެވެ. މިއީ އިންސާފެއް ހެއްޔެވެ؟ އެމީހުންގެ ޒުވާން އުމުރު އަޅުގަނޑުމެން ބޮޑުކުރުމަށް ހޭދަކުރުމަށްފަހު، މުސްކުޅިވާ ދުވަހުވެސް އަރާމުކޮށްލަން ފުރުސަތެއް ނުދީ، ކާފަ ނުވަތަ މާމަ ދަރިން ބެލުމުގެ ބުރަ އުފުލަން މަޖުބޫރުކުރުވުމަކީ ހިތާމަހުރި ކަމެކެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ވަގުތު، ކުޑަކުދިންގެ ފަހަތުން ދުވެ، އެކުދިންނަށް ކާންދީ، ނިންދަވައި ހެދުމަކީ އެމީހުންނަށް ކެތްކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.
އަނެއްބައި ހާލަތްތަކުގައި، ފައިސާ ހުރި މީހުން އެމީހުންގެ މުސްކުޅި މައިންބަފައިން ބެލެހެއްޓުމަށް ބިދޭސީ މަސައްކަތްތެރިން ގެނެސް، މުޅި ޒިންމާ އެމީހުންނާ ހަވާލުކުރެއެވެ. ބަހުރުވަ ނޭނގޭ، ސަގާފަތް ނޭނގޭ ބީރައްޓެހިންނާއެކު މުޅި ދުވަސް ހޭދަކުރަން ޖެހުމުން، އެ މުސްކުޅިން ތަހައްމަލުކުރާ އެކަނިވެރިކަމާއި ހިތްދަތިކަން ދަރިންނަށް އިހުސާސެއް ނުކުރެވެއެވެ. ގޭގައި ގެންގުޅޭ ބިދޭސީ މީހާ ކާންދިނުމުން ކައިގެން، އޭނާ ފެންވަރުވައިދިނުމުން ފެންވަރައިގެން އިންނަން ޖެހުމަކީ އެމީހުންގެ ނަފްސުގެ އަގު ވެއްޓި، މާޔޫސްކަން އިތުރުވާ ކަމެކެވެ. މަންމަ ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނަސް، ގިނަ ފަހަރަށް ދަރިން ތިބެނީ އޮފީހުގައި ނުވަތަ ރައްޓެހިންނާއެކު ކޮފީގައެވެ. ހޮސްޕިޓަލުގައި މަންމަ ގޮވައިގެން އިންނަނީވެސް ހަމަ އެ ބިދޭސީ މީހާއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ އާންމު ހާލަތެވެ. މައިންބަފައިންނަކީ ހަމައެކަނި ފައިސާ ދީފައި، ބިދޭސީއަކާ ހަވާލުކޮށްލެވޭނެ މުދަލެއް ނޫނެވެ. އެމީހުން ބޭނުންވަނީ ދަރިންގެ އަތްލުމާއި، ދަރިންގެ އަޑާއި، ދަރިންގެ ލޯތްބެވެ. އެކަން ފައިސާއަކުން ނުގަނެވޭނެއެވެ.
އިސްލާމްދީނުގައި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް އިސްރާގެ 23 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވަނީ، މައިންބަފައިންކުރެ އެކަކު ނުވަތަ ދެމީހުން މުސްކުޅި އުމުރަށް ފޯރައްޖެނަމަ، އެމީހުންނަށް "އުއްފު" ވެސް ނުބުނުމަށާއި، އެމީހުންނަށް ހެޔޮބަހުން ވާހަކަދެއްކުމަށެވެ. އަދި އޯގާތެރިކަމާއެކު ނިކަމެތިކަމުގެ ފިޔަ އެމީހުންނަށްޓަކައި ތިރިކޮށްދިނުމަށެވެ.
މިއީ ހަމައެކަނި އަހަރަކު އެއް ދުވަހު ކުރަން އޮތް ކަމެއް ނޫނެވެ. މިއީ ކޮންމެ ދުވަހެއްގެ، ކޮންމެ ވަގުތެއްގެ ޒިންމާއެކެވެ. މާތް ނަބިއްޔާ ﷺ ހަދީޘްކުރައްވާފައިވަނީ ސުވަރުގެ ވަނީ މައިންގެ ފައިތިލަދަށުގައި ކަމަށެވެ. މީގެ މާނައަކީ މަންމައަށް ހެޔޮކޮށް ހިތައި، މަންމަގެ ރުހުން ހޯދައިގެން މެނުވީ ސުވަރުގެ ނުވަދެވޭނެ ކަމެވެ. ދިވެހިންގެ ޒަމާންވީ ރީތި ސަގާފަތުގައިވެސް މައިންބަފައިންނަށް އިހުތިރާމްކުރުމާއި، އެމީހުންނަށް އަޅާލުމަކީ އެންމެ އިސްކަންދޭ އެއް ކަންތަކެވެ. ކުރީ ޒަމާނުގައި ބޮޑެތި އާއިލާތައް އެކުގައި އުޅުނުއިރު، މުސްކުޅިންނަކީ ގޭގެ ބަރަކާތް ކަމުގައި ދެކުނެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލާއެކު، މާލޭގެ ކުދިކުދި އެޕާޓްމަންޓްތަކަށް ދިރިއުޅުން ބަދަލުވެ، މާއްދިއްޔަތަށް ލޯބިކުރާ މިންވަރު އިތުރުވެ، މި ރީތި ސިފަތައް ވަނީ މުޖުތަމައުން ފުހެވިގެން ދާން ފަށާފައެވެ. މައިންބަފައިންނަކީ އަޅުގަނޑުމެންގެ ސުވަރުގޭގެ ދޮރުކޮޅުކަން ހަނދާންނައްތާލައި، ދުނިޔަވީ އުފާތަކުގެ ފަހަތުން ދުވުމުގެ ނަތީޖާއަކީ، މުޖުތަމައުގެ އަސާސްތައް ރޫޅިގެން ދިއުމެވެ.
މައިންގެ ދުވަސް ފާހަގަކުރުމަކީ ގޯހެއް ނޫނެވެ. ނަމަވެސް، އެ ދުވަހަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްލުމަށްފަހު ނިންމާލާ ދުވަހަކަށް ވެގެން ނުވާނެއެވެ. ލޯތްބަކީ އަމަލުން ދައްކަންޖެހޭ އެއްޗެކެވެ. މައިންބަފައިންނަށް ބޭނުންވަނީ އަގުބޮޑު ހަދިޔާތަކަށްވުރެ ބޮޑަށް، ދަރިންގެ ވަގުތާއި، އޯގާތެރި ބަސްތަކާއި، ގާތްކަމެވެ. އެމީހުންގެ އުމުރުގެ ފަހުކޮޅު އެކަނިވެރިކަމުގައި ހޭދަކުރަން ނުދީ، އެމީހުންނަށް އުފާވެރިކަން ހޯދައިދިނުމަކީ ކޮންމެ ދަރިއެއްގެވެސް ވާޖިބެކެވެ.
ރާއްޖޭގައި މުސްކުޅިންނަށް އަޅާލުމުގެ ގައުމީ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތްތައް ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، ފަރުދީ ގޮތުން އަޅުގަނޑުމެންގެ ޒިންމާ އަދާކުރުން މުހިންމެވެ. ދައުލަތުން ކިތަންމެ ރަނގަޅު މަރުކަޒެއް އެޅި ނަމަވެސް، ދަރިންގެ ލޯބި އެތަނަކުން ނުލިބޭނެއެވެ. މިއަދު ސޯޝަލް މީޑިއާއަށް ޕޯސްޓުކުރުމުގެ ބަދަލުގައި، ފޯނު ބާއްވާފައި މަންމަ ގާތަށް ގޮސް، އަތުގައި ހިފާލައި، ހާލު އަހާލާށެވެ. މާދަމާ އެ ފުރުސަތު ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމުގެ ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ހެލްތު މިނިސްޓްރީން މިހާރު މަސައްކަތް ފަށާފައިވާއިރު، މިއީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކިގެން ތިބެވޭކަށް ނެތެވެ. ކޮންމެ ފަރުދަކުވެސް އަމިއްލަ ގޭތެރެއިން މި ބަދަލު ގެންނަން މަޖުބޫރުވެފައިވާކަން، މިއަދު ފެންނަމުންދާ އިޖުތިމާއީ މައްސަލަތަކުން ސާފުކޮށް އެނގެއެވެ.
ދަނއބެ
10/05/2026 19:05
މަންމައިންނަށް އަހަރަކުން އެއްދުވަސް ކަނޑައޅައިގެން އުޅެނީ ޣައިރު މުސްލިމުން އަހަރަކުން އެއްދުވަހެއްނޫން މަންމައިންގެ މަޤާމް އޮތީ ރަސޫލާ އަންގަވައޮދެއްވާފަ އެއީ އިސްލާމް ދީނުގައި މަންމައިންގެ މަޤާމަކީ