ވިޔަފާރި

މި އަހަރު ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި

މި އަހަރު ރަޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރައިފި

ފަތުރުވެރިންތަކެއް ރިޒޯޓެއްގައި---

farudhun logo

ފަރުދުން

30 އޭޕްރީލު 2026، 12:18

30 އޭޕްރީލު 2026، 12:18

މި އަހަރުގެ މިހާތަނަށް ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައިފިއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، މި އަހަރު ފެށުނު ފަހުން މި މަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރީ 100،450 ފަތުރުވެރިންނެވެ.

ރަޝިޔާގެ އިތުރުން، މި އަހަރު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ދެން އައިސްފައި ވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 116،441  ފަތުރުވެރިންނާއެކު، އެއްޤައުމަކުން އެންމެ ގިނަ ފަތުރުވެރިން މި އަހަރު ޒިޔާރަތްކުރި ޤައުމަކީ އެއީއެވެ. އަދި ރަޝިޔާއަކީ ދެވަނަ ޤައުމެވެ.

މި އަހަރު ތިން ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 71،454 ފަތުރުވެރިންނެވެ. 

އަދި މި އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ޤައުމުގެ ތެރޭގައި ދެން ހިމެނެނީ އިޓަލީވިލާތާއި ޖަރުމަނު ވިލާތެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 786،529 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 825،924 ފަތުރުވެރިންނާ އަޅާބަލާއިރު 4.8 އިންސައްތަ ދަށް އަދަދެކެވެ.

މީގެއިތުރުން މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 69.6 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. އަދި ގެސްޓްހައުސްތަކަށް 25.4 އިންސައްތަ ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ހޮޓާތަކަށެވެ. އަދި ސަފާރީތަކަށް ވެސް 17،000އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ދަށްވީ  މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެންނެވެ. އެއީ ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450