ރިޕޯޓް
ނޮކިއާ: ވިޔަފާރިތަކަށް އޮތް ބޮޑު އިބުރަތެއް
ނޮކިއާ-- ފޮޓޯ : ފަރުދުން
ފަރުދުން
30 އޭޕްރީލު 2026، 11:19
30 އޭޕްރީލު 2026، 11:19
ޓެކްނޮލޮޖީގެ ދުނިޔެއަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ، ހަމަ އެހާމެ ވާދަވެރި މައިދާނެކެވެ. މި ދުނިޔޭގައި ކުންފުންޏެއްގެ ކާމިޔާބީ ބިނާވެފައިވަނީ އެ ކުންފުންޏަކުން އުފައްދާ ތަކެތީގެ ފެންވަރަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، މާކެޓަށް އަންނަ ބަދަލުތަކަށް ފައިހަމަކުރުމާއި، ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ އެކަމަށް އިޖާބަދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ބަދަލުތަކަށް ލޯމަރާލާ ކުންފުނިތަކަށް މާކެޓުގައި ދެމިއޮތުމަކީ ނާދިރު ކަމެކެވެ. މީގެ އެންމެ ފުރިހަމަ އެއް މިސާލަކީ ފިންލޭންޑުގެ މަޝްހޫރު ކުންފުނި ކަމަށްވާ ނޮކިއާއެވެ. އެއް ދުވަސްވަރެއްގައި މުޅި ދުނިޔޭގެ މޯބައިލް ފޯނު މާކެޓު ކޮންޓްރޯލްކުރި ނޮކިއާ، ސްމާޓްފޯނުގެ އިންގިލާބާއެކު ފަހަތަށް ސޮއްސާލައިގެން ދިޔަ ގޮތަކީ މިއަދުގެ ކޮންމެ ވިޔަފާރިއަކަށްވެސް އޮތް ވަރަށް ބޮޑު ފިލާވަޅެކެވެ. ހަމައެހާމެ ރަނގަޅު އިބުރަތެއްވެސްމެއެވެ.
ނޮކިއާގެ ރަން ޒަމާނާއި މާކެޓުގެ ކޮންޓްރޯލް
1990 ގެ އަހަރުތަކުން ފެށިގެން 2000 ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް ނޮކިއާއަކީ މޯބައިލް ފޯނުގެ ދުނިޔޭގެ "ރަސްގެފާނު" ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އަދި މިކަމާއި ދެބަސްވާނެއް އެއްވެސް ފަރާތެއް ނުހުންނާނެމީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. 2007 ވަނަ އަހަރާ ހަމައަށް އައިއިރު، ދުނިޔޭގެ މޯބައިލް ފޯނު މާކެޓުގެ 40 އިންސައްތަ ކޮންޓްރޯލްކުރީ ނޮކިއާއިންނެވެ. އަދި ސްމާޓްފޯނު މާކެޓަށް އެކަނި ބަލާއިރު، އެ އަހަރު ނޮކިއާގެ ހިއްސާ އުޅުނީ 49.4 އިންސައްތައިގައެވެ.
ނޮކިއާގެ ސަބަބުން ފިންލޭންޑުގެ އިގުތިސާދަށް އައި ބޮޑު ކުރިއެރުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ. 2000 ވަނަ އަހަރު އެ ގައުމުގެ ޖީޑީޕީގެ 4 އިންސައްތަ އަދި އެކްސްޕޯޓުގެ 21 އިންސައްތަ ހިއްސާކުރީ ނޮކިއާއިންނެވެ. މީގެ އިތުރުން ހެލްސިންކީ ސްޓޮކް އެކްސްޗޭންޖުގެ 70 އިންސައްތަ ހިއްސާކުރީވެސް ހަމަ މި ކުންފުނިންނެވެ. ނޮކިއާ 3310 ފަދަ މޮޑެލްތަކަކީ އެ ފޯނުތަކުގެ ވަރުގަދަކަމާއި، ބެޓެރީގެ ދިގުދެމިގެންދާ މިންވަރުގެ ސަބަބުން މުޅި ދުނިޔޭގައި މަގުބޫލުވި އުފެއްދުންތަކެކެވެ. ނަމަވެސް މި ބޮޑު ކާމިޔާބީގެ ސަބަބުން ކުންފުނީގެ ވެރިންނަށް ލިބުނު އިތުބާރު ބަދަލުވީ ކިބުރުވެރިކަމަށެވެ. އެ މީހުން ތިބީ ކުރިމަގުގައި އަތުވެދާނެ ބޮޑު ބަދަލަކަށް ތައްޔާރުވެގެންނެއް ނޫނެވެ.
ސްމާޓްފޯނުގެ އިންގިލާބާއި މާކެޓު ބަދަލުވުން
ނޮކިއާގެ ވެއްޓުމުގެ ބިންގާ އެޅުނީ 2007 ވަނަ އަހަރު އެޕަލް ކުންފުނިން 'އައިފޯނު' ތަޢާރަފުކުރުމާ ގުޅިގެންނެވެ. އައިފޯނާއެކު މޯބައިލް ފޯނުގެ މާނަ މުޅިން ބަދަލުވެގެން ދިޔައެވެ. ފިތްތަކުގެ ބަދަލުގައި ޓަޗްސްކްރީން ބޭނުންކުރަން ފެށުމާއި، އިންޓަނެޓާއި ތަފާތު އެޕްލިކޭޝަންތަކަށް ބޮޑު އިސްކަމެއް ދިނުން ވެގެންދިޔައީ މުޅިން އާ ކަމަކަށެވެ. އޭގެ އަނެއް އަހަރު، 2008 ގައި ގޫގުލްއިން އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމް ނެރުމާއެކު، ސެމްސަންގ ފަދަ ކުންފުނިތަކުން އެ ބަދަލު ބަލައިގަތެވެ.
ނަމަވެސް ނޮކިއާއިން ކަންކަން ކުރަމުންދިޔައީ ވަރަށްވެސް ލަސްކޮށެވެ. އައިފޯނަކީ ހަމައެކަނި ވަކި ބަޔަކަށް ޚާއްސަ އެއްޗެއް ކަމަށް ހީކޮށް، އެ ކުންފުނީގެ އަމިއްލަ "ސިމްބިއަން" ސިސްޓަމް ކުރިއެރުވުމަށް މަސައްކަތް ކުރިއެވެ. އެކަމަކު ސިމްބިއަން އަކީ ޓަޗްސްކްރީން ފޯނުތަކަށް އެކަށީގެންވާ ސިސްޓަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން، ނޮކިއާ، 2007 ވަނަ އަހަރުގައި 50 އިންސައްތައިގައި އޮތް ނޮކިއާގެ މާކެޓު ހިއްސާ، 2013 ވަނަ އަހަރާ ހަމައަށް އައިއިރު 5 އިންސައްތައަށްވުރެ ދަށަށް ވެއްޓުނެވެ.
ސްޓްރެޓީޖިކް ކުށްތަކާއި މެނޭޖްމަންޓުގެ މައްސަލަތައް
ނޮކިއާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ ހާޑްވެއަރއަށްވުރެ ސޮފްޓްވެއަރ މުހިންމުވި ވަގުތު އެކަން ދެނެގަންނަން ނުކުޅެދުމެވެ. އެޕަލް އާއި ގޫގުލްއިން އެޕްލިކޭޝަންތަކުގެ ނިޒާމެއް (އެކޯ ސިސްޓަމް) ބިނާކުރިއިރު، ނޮކިއާއިން އުޅުނީ ފޯނުގެ ބޭރުފުށުގެ ފަރުމާ ރީތިކުރުމުގައެވެ. މީގެ އިތުރުން، 2011 ވަނަ އަހަރު އެންޑްރޮއިޑްގެ ބަދަލުގައި މައިކްރޯސޮފްޓްގެ ވިންޑޯޒް ފޯނު ބޭނުންކުރަން ނިންމި ނިންމުމަކީ ކުންފުނީގެ ނިމުން އަވަސްކޮށްދިން ކަމެކެވެ. އެންމެ ފަހުން 2014 ވަނަ އަހަރު، އެއްްއިރެއްގެ އެންމެ ވަރުގަދަ މޯބައިލް ވިޔަފާރި، 7.2 ބިލިއަން ޑޮލަރަށް މައިކްރޯސޮފްޓަށް ވިއްކާލަން ނޮކިއާއަށް މަޖުބޫރުވިއެވެ.
މިއަދުގެ ޓެކްނޮލޮޖީއަށް ނޮކިއާއިން ލިބޭ ފިލާވަޅު
ނޮކިއާގެ ތާރީޚުން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކިތަންމެ ކާމިޔާބު ކުންފުންޏަކަށް ވިޔަސް، ބަދަލުވަމުންދާ ޓެކްނޮލޮޖީއާ އެއްގޮތަށް އަމަލުތައް ބަދަލުނުކޮށްފިނަމަ ފެއިލްވާނެ ކަމެވެ. މިއަދު އަޅުގަނޑުމެން މިދެކޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ކްލައުޑް ކޮމްޕިއުޓިންގ އަކީ ވިޔަފާރިތަކުގެ މައިގަނޑު އަސާސެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި މިއަހަރު 80 އިންސައްތަ ކުންފުނިން އޭއައި ބޭނުންކުރަން ފަށާނެއެވެ. ނޮކިއާއިން ސްމާޓްފޯނަށް ފުރަގަސްދިން ފަދައިން، މިއަދު އޭއައި ފަދަ އާ ޓެކްނޮލޮޖީތަކަށް ފުރަގަސްދޭ ކުންފުނިތަކަށްވެސް ދިމާވާނީ ހަމަ އެ ހާލަތެވެ.
ނިންމާލަމުން ދަންނަވާނަމަ، ޓެކްނޮލޮޖީގެ ދުނިޔޭގައި ކާމިޔާބީ ބިނާވެފައިވަނީ މާޒީގެ ރެކޯޑުތަކުގެ މައްޗަކަށް ނޫނެވެ. އެއާޚިލާފަށް، ކާމިޔާބީ ގުޅިފައިވަނީ މުސްތަގުބަލަށް އަންނަ ބަދަލުތައް ދެނެގަނެ، އެ ބަދަލުތަކަށް އަވަހަށް ހޭނުމުގެ ގާބިލުކަމާއެވެ. ނޮކިއާގެ ވާހަކައަކީ ޒަމާނާ ފައިހަމަނުކުރެވުމުގެ ހިތި ނަތީޖާ ދައްކައިދޭ ދިރިހުރި މިސާލެކެވެ. މިއަދުގެ ކުންފުނިތަކުން މިކަމުން އިބުރަތް ހާސިލުކުރުމަކީ މާކެޓުގައި ދެމިއޮތުމަށް އޮތް ހަމައެކަނި މަގެވެ.
ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި