ދުނިޔެ
ބަޑީގެ އަޑުތަކާއެކު "ކަރަސްޕޮންޑަންޓްސް ޑިނާރ"ގައި އިންނަވަނިކޮށް ޓްރަމްޕް ހިމާޔަތަށް ގެންގޮސްފި
ޓްރަމްޕްގެ ހިމާޔަތުގައި އެމެރިކާގެ ސީކްރެޓް ސާރވިސް އެޖެންޓުން ހަރަކާތްތެރިވަނީ / ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ރައީސްއާއެކު ކޮންމެ އަހަރަކު އެއްފަހަރު އޮންނަ "ކަރަސްޕޮންޑަންޓްސް ޑިނާރ"ގައި ރައީސް ޑޮނާލްޑް ޓްރަމްޕް އިންނަވަނިކޮށް، އެ ތަނުގެ ބޭރުން ބަޑީގެ އަޑުތަކެއް އިވުމާއެކު، ޓްރަމްޕަށް ހިމާޔަތްދިނުމަށް އެތަނުން ގެންގޮސްފިއެވެ.
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިއު.އެޗް.ސީ.އޭ)އިން ބާއްވާ މި ޚާއްޞަ ހަފްލާއަކީ ކޮންމެ އަހަރަކު އެއްފަހަރު އެމެރިކާގެ ވޮޝިންގޓަން ޑީ.ސީގައި ބާއްވާ ވަރަށް ކުލަގަދަ ޙަފުލާއެކެވެ. މިއީ އެމެރިކާގެ ރައީސްގެ ކަންކަން ކަވަރުކުރާ ނޫސްވެރިން އިސްނަގައިގެން، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފާހަގަކުރުމަށާއި، ތަޢުލީމީ ސްކޮލަރޝިޕްތަކަށް ފަންޑު ހޯދުމަށް ބާއްވާ ޙަރަކާތެކެވެ.
މި ރަސްމިއްޔާތުގައި ޓްރަމްޕްގެ އަރިހުގައި ފަސްޓް ލޭޑީގެ އިތުރުން ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައްކާތެރި މާހައުލަށް ގެންދިޔަ ފަހުން ޓްރުތު ސޯޝަލްގައި ޓްރަމްޕް ހާމަކުރައްވާފައިވަނީ، އެ ހަމަލާގެ ސަބަބުން ޓްރަމްޕް އާއި ނައިބު ރައީސް އަދި އެއްވެސް ކެބިނެޓު މިނިސްޓަރަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ.
ޓްރަމް ޚިއްޞާ ކުރެއްވި މެސެޖުގައި، އެމެރިކާގެ ސީކްރެޓް ސާރވިސް އެޖެންޓުންނާއި އެހެނިހެން ތަންފީޒީ އިދާރާތަކަށް ވަނީ، މި ކަމުގައި ނެންގެވި އަވަސް ފިޔަވަޅުތަކަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސާރިސް އެޖެންޓުން ބުނީ، މިކަން ހިނގީ "ބޯލް ރޫމް"ގެ ސްކްރީންކުރާ ސަރަޙައްދުގައި ކަމަށާއި އަދި މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ބައިވެރިވާ ފަރާތްތައް މިހާތަނަށް އެނގިފައި ނުވާކަމަށާއި، ޙާލަތު އިތުރަށް ދިރާސާކުރަމުންދާކަމަށް ވެސް ސީކްރެޓް ސާރިސްއިން ވަނީ ހާމަކޮށްފައެވެ.
ބަޑީގެ އަޑުއިވުނު ވަގުތުގެ މަންޒަރުތައް ފެންނަ ވީޑިއޯތަށް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ބަޑީގެ އަޑާއެކު ޓްރަމްޕް އާއި އެހެން ބޭފުޅުން، ފަރިއްކުޅުވަން ތިއްބެވި މޭޒުގެ ހިމާޔަތަށް ތިރިވާ މަންޒަރެވެ. އަދި އެންމެން ތިރިވުމަށާއި، ތެދުނުވުމަށް އިރުޝާދުދޭ އަޑުވެސް އިވެއެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އެކިފަހަރުގެ މަތިން މަސައްކަތްތަކެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއެއް ފެނުނީ 2024 ވަނަ އަހަރުއެވެ. އެ ފަހަރު ކެމްޕެއިން އިވެންޓެއްގައި ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާ އަމާޒުވީ ޓްރަމްޕްގެ ކަންފަތަށެވެ.