Ads by Farudhun

ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރަށް 6172 ވޯޓު ކަރުދާސް ޗާޕްކޮށްފި

އިންތިޚާބުގެ ދެވަނަ ބުރަށް 6172 ވޯޓު ކަރުދާސް ޗާޕްކޮށްފި

އިންތިޚާބެއްގެ ތެރެއިން/ފޮޓޯ: ޚަބަރު އޮންލައިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2026، 01:16

16 އޭޕްރީލު 2026، 01:16

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރަށް 6172 ވޯޓު ކަރުދާސް ޗާޕްކޮށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ދެވަނަ ބުރަށް ބޭނުންވާ ވޯޓު ކަރުދާސްތައް ވެސް ޗާޕްކޮށްފައި ވަނީ ފުރަތަމަ ބުރުގެ ވޯޓުކަރުދާސްތައް ޗާޕުކުރި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުންންނެވެ. އެގޮތުން، އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްލަ 888،845 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ.

އަންނަ ހޮނިހިރު ދުވަހު 2 ރަށެއްގެ ކައުންސިލްގެ ދެ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށާއި، 3 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ 3 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރަށް 1،784 ވޯޓު ކަރުދާސް ވަނީ ޗާޕުކޮށްފައެވެ. ހަމަ އެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާނުގެ ދެވަނަ ބުރަށް 4،388 ވޯޓުކަރުދާސް ވަނީ ޗާޕުކޮށްފައެވެ.

ދެވަނަ ބުރަށް ވަކި ދާއިރާތަކަށް ޗާޕްކުރި ވޯޓު ކަރުދާހުގެ ޢަދަދުތައް:

  • ބ. ދޮންފަނު ކައުންސިލް އިންތިޚާބު: 460 ވޯޓު ކަރުދާސް
  • ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް އިންތިޚާބު: 1324 ވޯޓު ކަރުދާސް
  • ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު: 1742 ވޯޓު ކަރުދާސް
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު: 1069 ވޯޓު ކަރުދާސް
  • ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު: 1577 ވޯޓު ކަރުދާސް

މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮށްޓެއް ބަހައްޓާއިރު، އެއީ ކެލާ، މާވަށް އަދި ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮއްޓެވެ. މީގެ އިތުރުން، މާލޭގައި މި ދާއިރާތަކަށް ޚާއްޞަކޮށްގެން 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި ވޯޓުފޮށިތައް ބަހައްޓާނެ ތަންތަނަށް ބަލާއިރު، ކެލާ އަދި ދޮންފަނުގެ ރައްޔިތުންނަށް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ރައްޔިތުންނަށް ހިރިޔާ ސްކޫލުގައި، އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ރައްޔިތުންނަށް ދަރުމަވަންތަ ސްކޫލުގައި ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، ދެވަނަ ބުރުގައި ވެސް ވޯޓުލާން އަންނަ ކޮންމެ މީހަކުވެސް އޮފިޝަލުން ދޭ އިރުޝާދުތަކަށް ރަނގަޅަށް ޢަމަލުކުރުމަށް އެދިވަޑައިގެންފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450