ޚަބަރު
ހުޅުމާލެ ވިނަރެސް ފްލެޓް ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ %60 މަސައްކަތް ނިންމާލައިފި
މަސައްކަތުގެ އަދާހަމަ/ފޮޓޯ: ވުޒާރާ
ހުޅުމާލެ ވިނަރެސް ފްލެޓް ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ %60 މަސައްކަތް މިހާރު ނިމިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިއީ 1095 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ވިނަރެސް ފްލެޓު ސަރަޙައްދުގައި ބިނާކުރާ މިސްކިތުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި. މިއީ 1095 މީހުންގެ ޖާގައިގެ މިސްކިތެއް. pic.twitter.com/X3KIsBZVRn
— Ministry of Islamic Affairs & Endowments (@MVIaffairs) April 16, 2026
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ހަލުވިކަމާއެކު އިތުރުވަމުން އަންނައިރު، އެ ސަރަޙައްދަށް ނަމާދުކުރާނެ ގިނަ މިސްކިތްތަކެއް ބޭނުންވާކަން ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ. އެހެންކަމުން، އެ ސަރަޙައްދުގައި މިސްކިތްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، މިހާރު ދެވަނަ ފިޔަވަހީގައި ދާއިމީ 3 މިސްކިތް ޤާއިމްކޮށްފައިވެއެވެ. ހަމަ އެއާއެކު، 2 ވަޤުތީ މިސްކިތް އެ ސަރަޙައްދުގައި ދަނީ ބޭނުންކުރަމުންނެވެ.
އަލަށް ބިނާކުރާ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކުރަމުންދާ ޖާގަ ތަނަވަސް މިސްކިތެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.