Ads by PNC

ޚަބަރު

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

ލ. އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް މާދަމާ ފަށަނީ

އާރްޓިއެލް ފެރީ ފޮޓޯ: އެމްޓީސީސި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 މާރިޗު 2026، 02:14

30 މާރިޗު 2026، 02:14

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރަށްތައް ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރްޓީއެލް) ހައިސްޕީޑް ފެރީގެ ޚިދުމަތް މާދަމާ ލ. އަތޮޅުގައި ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ލ. އަތޮޅުގައި ޚިދުމަތް އިފްތިތާޙު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެ އަތޮޅުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ޚިދުމަތަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްޓީސީސީން އިއްޔެ ވަނީ ލ. ދަނބިދޫ އަދި މާބައިދޫގައި ޚާއްޞަ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި ހިނގާ މާރިޗު މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިމަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢުގެ ދަށުން އެންމެ ފަހުން ޚިދުމަތް ފަށާފައިވަނީ ފ. އަތޮޅާއި ދ. އަތޮޅުގައެވެ.

އާރްޓީއެލްގެ އުސޫލުގެ ދަށުން، ކޮންމެ އަތޮޅެއްގައިވެސް ޚިދުމަތް ފަށާއިރު ފުރަތަމަ އެއް ހަފުތާގައި ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެއެވެ. މިއީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ކަމެކެވެ. ހިލޭ ދަތުރުކުރުމުގެ މުއްދަތަށްފަހު، އަތޮޅުގެ އެކި ރޫޓުތަކަށާއި އަދި އެހެން އަތޮޅުތަކާ ގުޅުވާލެވޭ ރޫޓުތަކަށް ކަނޑައެޅިފައިވާ ފީއެއް ނަގަން ފަށާނެއެވެ.

މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ޤާއިމްކޮށްދިނުމެވެ. މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގެ 133 ރަށެއްގައި މި ޚިދުމަތް ވަނީ ކާމިޔާބުކަމާއެކު ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450