Ads by PNC

ޚަބަރު

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ މިންވަރު ވަނީ އިތުރުވެފައި: ރައީސް

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ މިންވަރު ވަނީ އިތުރުވެފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ/ފޮޓޯ: ރައީސް އޮފީސް

30 މާރިޗު 2026، 02:14

ވޭތުވެ ދިޔަ ދެތިން ހަފުތާއަށްބަލާއިރު، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ޝައުޤުވެރިކަން ފާޅުކުރާ މިންވަރު އިތުރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މެދުއިރުމަތީގައި ހަނގުރާމަ ހިނގަމުންދާ މި ޙާލަތުގައި، އިއާދަކުރަނިވި ހަކަތައިގެ މުހިންމުކަން އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ދަނޑިވަޅުގައި ރާއްޖޭގައި އެ ދާއިރާއިން ވުނަކުރަން ޝައުޤުވެރިކަން އިތުރުވެފައިވާއިރު މި ފުރުޞަތުގެ ބޭނުންހިއްޕެވުމަށް އެދިވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ސަރުކާރުން ގެންގުޅުއްވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތެއް ކަމަށާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް، މި ހަނގުރާމައިގެ ޙާލަތުން ލިބިވަޑައިގެންފައިވަނީ އިތުރު ހިތްވަރެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭރުގެ އެހީގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ރާއްވަވާފައިވާ އިޖުތިމާޢީ މަޝްރޫޢުތަކަށް ވާނީ ކިހިނެއްތޯ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވަނީ، މި ފަދަ ދަނޑިވަޅެއްގައި ފަންޑިންގ އޭޖެންސީތަކުން އެ ފަރާތްތަކުގެ ތަރުތީބުތަކަށް ބަދަލުގެންނާނޭކަން ދެނެތިބެ، އަމިއްލަ ޤާބިލިއްޔަތު ހުރި މިންވަރަކުން، އަމިއްލަ ޤާބިލިއްޔަތުގައި ކުރެވޭ މަސައްކަތްތަކަށް އިސްކަންދޭންޖެހޭނޭ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެއާ ގާތް، ރަޙުމަތްތެރި އެތައް ޤައުމަކުން، އެފަދަ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުގައި ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަނގުރާމައިގެ ޙާލަތުގައި އިޤްތިޞާދީ ލޮޅުންތައް އައިނަމަވެސް، އެޕްރީލް މަހުގެ 8 ވަނަ ދުވަހު ދައްކަން ޖެހޭ ސުކޫކު ދެއްކޭނޭ ޤާބިލިއްޔަތުވެސް މާލިއްޔަތުގައި އެބަހުރިކަމުގެ ޔަޤީންކަން އެމަނިކުފާނު މިއަދުވެސް ވަނީ ތަކުރާރުކުރައްވާފައެވެ.

ހަމަ އެއާއެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު ސަރުކާރުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާ ރައީސް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން އެކުލަވާލައްވާފައިވާ ވަޒީރުންގެ ޚާއްޞަ ކޮމިޓީ މެދުވެރިކުރައްވައި، ސަރުކާރުން އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅަކަސް، ސިޔާސަތަކަސް، ހަފުތާއަކު އެއްފަހަރު ހާމަކުރައްވަމުން ގެންދަވާކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450