Ads by PNC

ޚަބަރު

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް 103 ކުދިންނާއެކު މިއަދު ފަށައިފި

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް 103 ކުދިންނާއެކު މިއަދު ފަށައިފި

ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސް ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 02:11

29 މާރިޗު 2026، 02:11

ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބިޖައްސައި، ގުރުއާނަށް އަހުލުވެރިކުރުވުމުގެ މަގްސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދާ ހިލޭ ގުރުއާން ކުލާސްތައް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ކުލާސްތަކަކީ ހުޅުމާލޭގައި ގުރުއާން ކުލާސްތައް ހިންގުމާއި ދީނީ ދަރުސް ދިނުމަށްޓަކައި، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ބައެކެވެ.

އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ މި ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ ފެބްރުއަރީ މަހު ހުޅުވާލުމުން، ގިނަ އަދަދެއްގެ ކުދިން ވަނީ އެކަމަށް ކުރިމަތިލާފައެވެ. ރަޖިސްޓްރޭޝަން މަރުހަލާ ނިމުނުއިރު، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން މި ކުލާސްތަކުގައި ބައިވެރިވެފައިވާ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

މިއަދު ފެށި މި ކުލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ އެކި މިސްކިތްތަކުގައެވެ. ކިޔަވައިދިނުމުގެ އިންތިޒާމުތައް ރޭވިފައިވަނީ އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެންނެވެ. މި ކުލާސްތަކަށް ބޭނުންވާ ޓީޗަރުން ހަމަޖެއްސުމާއި، ކިޔަވައިދިނުމުގެ އެންމެހާ ކަންކަން ބަލަހައްޓާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުންނެވެ.

މި މަޝްރޫއަކީ ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކުލާސްތައް އިތުރުކޮށް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް މުޖުތަމައުއަށް ފައިދާހުރި އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެވޭނެ މިފަދަ ގިނަ ޕްރޮގްރާމްތައް ހިންގުމަކީ އެ ކޯޕަރޭޝަންގެ ބޮޑު އަމާޒެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450