ޚަބަރު
ސިނަމާލެ ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަން ފަށައިފި
ބިދޭސީން އުޅޭ ސަރަޙައްދު/ފޮޓޯ: ޕީއެސްއެމް
ސިނަމާލެ ބުރިޖު ދަށުގައި ބިދޭސީންތަކެއް ދިރިއުޅެމުންދާ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކާއި ގުޅިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ބްރިޖުގެ ދަށުގައި ނިދުމަށްޓަކައި ތަންމަތި އަޅައި، އެތާނގައި އޮޝޯވެގެން އޮވެވޭނެ އިންތިޒާމްތަކެއް ބަޔަކު ވަނީ ހަމަޖައްސާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިކަމާއި ގުޅިގެން އެ ސަރަޙައްދު މިހާރު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަޙައްދު ބެލި ބެލުމުން ބައެއް ފަރާތްތަކުން އެތަން ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެތަނުގައި އުޅެމުންދަނީ ބިދޭސީންކަމަށް ބެލެވޭކެމަށް ފުލުހުން ވިދާޅުވިއެވެ. ހަމަ އެހެންމެ، މިކަން ހުއްޓުވުމަށްޓަކައި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، ސިނަމާލެ ބުރިޖު ސަރަޙައްދަކީ ޢާންމުކޮށް މީހުން ދިރިއުޅުމަށް ކަނޑައެޅިފައިވާ ތަނަކަށް ނުވާތީ، އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މިކަމުގައި ހަމައެކަނި ޤާނޫނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މަސައްކަތް ކުރަމުންދާކަމަށް އެ ޚިދުމަތުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މިފަދަ އެއްވެސް ކަމަކާ ގުޅުންހުރި މަޢުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.