ޚަބަރު
މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ: ސްޓެލްކޯ
މާލޭގެ މަގެއް/ފޮޓޯ: ވޮއިސް
މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާދަމާ، މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެއެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓުގެ ޚިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލެ ސިޓީ، މާފަންނު އަދި މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން 27 މާރިޗު 2026 ވާ ހުކުރު ދުވަހުގެ (މާދަމާ) ހެނދުނު 06:00 އާއި 06:15 އާއި ދެމެދު އަދި 8:00 އާއި 8:15 އާ ދެމެދު ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިންކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ.