ޚަބަރު
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ފްލެޓްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި
މަސައްކަތުގެ ތެރެއިން/ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ފްލެޓްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ފަށައިފި އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ފްލްޓުތަކަކީ، އެ ސަރަޙައްދުގައި އަލަށް މީހުން އާބާދުވާން ފެށިއިރު ތަރައްޤީކޮށްފައިވާ އިމާރާތްތަކެކެވެ.
މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިދާޅުވީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސްގެ މަސައްކަތް މިހާރު އެ ކޯޕަރޭޝަނަށް ރަސްމީކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް އެ ކޯޕަރޭޝަނާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން، އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ފަށާފައިވާކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
މި މަސައްކަތުގެ ދަށުން އިމާރާތްތަކުގެ ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމާއި، ކުލަ ކެހިފައިވާ ތަންތަނުގައި ކުލަ ލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން، ފެލެޓްތަކުގެ ކައިރީގައި ހުރި ގަސްތައް ރީތިކުރާނެއެވެ.
މި މަސައްކަތުގެ ސަބަބުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތައް ޤާއިމްކޮށްފައިވާ އެ ސަރަޙައްދު އިތުރަށް ޒީނަތްތެރިވެގެންދާނެ އެވެ.