ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ، ބަންގްލަދޭޝްގެ ބޮޑުވަޒީރާއެކު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑު ވަޒީރަށާއި، ސަރުކާރަށާއި، ބަންގްލަދޭޝްގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މެސެޖުގައި ވިދާޅުވީ، އެ ޤައުމުގެ މިނިވަން ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަކީ އެމަނިކުފާނަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ. ހަމަ އެހެންމެ، ބަންގްލަދޭޝްގެ ތާރީޚުގައި މިނިވަންކަމާއި މުސްތަޤުބަލުގެ އުންމީދުތައް ރަމްޒުކޮށްދޭ މި މުހިންމު ދުވަހުގެ ފާހަގަކުރުންތަކަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި މަސައްކަތްކުރުމަށް ބަންގްލަދޭޝްގެ ހުރިހާ ރައްޔިތުންނަށް އައު ހިތްވަރަކާއި ޖޯޝެއް ލިބިގެންދާނެ ކަމެއްކަމާމެދު ޝައްކު ނުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
On Bangladesh’s Independence Day, I am delighted to convey heartfelt greetings of the day to HE President Mohammed Shahabuddin, HE Prime Minister @trahmanbnp, the Government and the friendly people of Bangladesh. I have no doubt that the celebrations of this momentous day in… pic.twitter.com/HWQPF4McTT
— Dr Mohamed Muizzu (@MMuizzu) March 26, 2026
މީގެ އިތުރުން، ދިވެހިރާއްޖެއިން ބަންގްލަދޭޝް ބަލައިގަންނަނީ އިތުބާރު ހުރި އަވަށްޓެރިއެއްގެ ގޮތުގައާއި، ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމަ އެއާއެކު، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުމަކީ އަޅުގަނޑުމެންގެ ބައިވެރިވުން ދެމެހެއްޓުމަށާއި، ދޭދޭ ކުރިއެރުންތަކަށް މަގުފަހިކޮށްދޭ މައިގަނޑު އަސާސްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވެމުންދާ ހަރުދަނާ މަސައްކަތްތަކާ މެދު ނުހަނު އުފާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.