ޚަބަރު
އޭސީޕީ ޙުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް މީގެ ކުރިން ބަލާފައިނުވާކަން ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފި
އޭސީޕީ ޙުސައިން ރަޝީދު--
އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) ޙުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް މީގެ ކުރިން ބަލާފައިނުވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން ކަށަވަރުކޮށްދީފި އެވެ.
އެ ޚިދުމަތުން މިކަން ކަށަވަރުކޮށްދީފައިވަނީ، ޙުސައިން ރަޝީދަކީ މީގެ 10 އަހަރު ކުރިން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވާ ފަރާތެއްކަމަށް ބުނެ ބައެއް މީޑީއާތަކުގައި ފަތުރަމުންދާ ދޮގު ވާހަކަތަކާ ގުޅިގެންނެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑް، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަލައި ފިޔަވަޅު އަޅާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ގެނެސްދީފައިވަނީ ޞައްޙަނޫން މަޢުލޫމާތުތަކެއް ކަމަށެވެ.
އެގޮތުން، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ބަލައި، ނުވަތަ އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލުކޮށް އެއްވެސް އިރެއްގައި އޭނާއާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާކަން ރިކޯޑްތަކުން ސާފުވާކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގެ ހެޑްގެ މަޤާމަށް އޭނާ ޢައްޔަނުކޮށްފައިވަނީ އެކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، އެއްވެސް ފަރާތަކާމެދު މިފަދަ ޙަޤީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރައްވާފަ އެވެ.