ޚަބަރު
ރާއްޖޭގައި ޓީބީ ޖެހިފައިވާ 152 މީހަކު އެބަތިބިކަަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި
އައިޖީއެމްއެޗް ތެރެއިން/ފޮޓޯ: ރަސް އޮންލައިން
ރާއްޖޭގައި ޓީބީ ޖެހިފައިވާ 152 މީހަކު އެބަތިބިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މި ޢަދަދަކީ، މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް ރިޕޯޓްކޮށްފައިވާ ޓީބީގެ ވޭދަނަތައްކަމަށް އެ އެޖެންސީއިން ވިދާޅުވިއެވެ.
ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި އެންމެ ޢާންމުކޮށް ޖެހެނީ ފުއްޕާމެއަށް ނަމަވެސް، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް މި ބަލި ޖެހެއެވެ. އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހޭ ޓީބީ ގައިންގަޔަށް ނާރާއިރު، ފުއްޕާމެއަށް ޖެހޭ ޓީބީ ގައިންގަޔަށް އަރާނެކަމަށް ޞިއްޙީ މާހިރުން ވަނީ ވިދާޅުވެފައެވެ.
ޓީބީ ބަލި ގައިންގަޔަށް އަރަނީ ފުއްޕާމެއަށް ޓީބީ ބަލިޖެހި، ކުޅުން ބެކްޓީރިއާ ފެންނަ ބަލި މީހުންގެ ފަރާތުން އެކަންޏެވެ. ފުއްޕާމޭގެ ޓީބީ ޖެހިފައިވާ މީހުން ކެއްސާ، ކިނބިހި އަޅާ ހަދާއިރު، ވައިގެ ތެރެއަށް ބޭރުވާ ޓީބީ ބަލި ފަތުރާ ބެކްޓީރިއާ، އެހެން މީހުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާޞިލްވެއެވެ. ޓީބީގެ ޢަލާމަތްތަކުގެ ތެރޭގައި ހުންއައުން، ވަރުދެރަވުން، މޭގައި ރިއްސުން އަދި ކެއްސާފައި އަންނަ ދަވާގައި ލޭހުރުން، ހީކެރުވުން އަދި ރޭގަނޑު އާދަޔާ ޚިލާފަށް ދާހިއްލުން ހިމެނެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުނިޔޭގެ ފެންވަރުގައި 10.7 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، މީގެ ތެރެއިން 1.2 މިލިއަން މީހުން އެ ބަލީގައި މަރުވެފައިވެއެވެ. ހަމަ މިއާއެކު، 2030 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ޓީބީ ބަލީގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުރައްކަލެއް ނެތް ޤައުމަކަށް ހެދުމުގެ އަމާޒަށް ވާސިލުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ޤައުމެއްކަށްވާއިރު، ޓީބީން ސަލާމަތްވެފައިވާ މުސްތަޤްބަލަކަށް ވާސިލުވުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ވަނީ ފަށައިފައެވެ.