ޚަބަރު
ހުޅުމާލޭގައި ގިނަ ޢަދަދެއްގެ ވޭޕް ސާމާނު ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި
ވޭޕް ސާމާނު/ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ގިނަ ޢަދަދެއްގެ ވޭޕް ސާމާނު ގެންގުޅުނު މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ޖޫރިމަނާކޮށްފި އެވެ.
ފުލުހުން ވިދާޅުވީ، އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ގިނަ ޢަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހުއްޓުވައި ބަލައިފާސްކޮށް، ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެގޮތުން، ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނާވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.