Ads by PNC

ޚަބަރު

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި

އަތުލައިގަތް މަސްތުވާތަކެތިތަކެއް/ފޮޓޯ: ކަސްޓަމްސް

23 މާރިޗު 2026، 10:01

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 9.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ޢާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ 2026 މާރިޗު 20 ގައެވެ. އެގޮތުން، ރާއްޖެއިން ބޭރު ޤައުމަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައި ފަސިންޖަރެއްގެ އަތުން މި ތަކެތި ފާހަގަވެފައިވާއިރު، މިތަކެތި އިތުރަށް ވަނީ ތަހުލީލުކޮށްފައެވެ. އަދި މި ތަހުލީލުން ހާމަވާގޮތުގައި މިތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 'ކެނަބިސް ފަތް' އަދި 'ހަޝިޝް އޮއިލް' އަށް ޕޮޒިޓިވްވެފައެވެ.

މި މައްސަލައާި ގުޅިގެން ކަސްޓަމްސް އިން އިތުރަށް ވިދާޅުވީ، އެއަރޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސް ފަތުގެ ބަރުދަނުގައި ޖުމްލަ 5 ކިލޯގްރާމް (5370 ގްރާމް) ހުރި ކަމަށެވެ. ހަމަ އެއާއެކު، މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.2 މިލިޔަން (4،296،000) ދިވެހި ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް ސާވިސްއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، އެއަރޕޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްގެ ބަރުދަނުގައި 6 ކިލޯއަށްވުރެ ގިނަ (6590 ގްރާމް) ހުރިކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 5.2 މިލިޔަން (5،272،000) ދިވެހި ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ކުރަންޖެހޭ އިތުރު ތަޙުޤީގުތައް ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450