ޚަބަރު
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތްތައް ފުޅާކުރުމަށް ބޮޑެތި މަޝްރޫޢުތަކެއް ރާވައިފި
ޖީޕީ ކުލިނިކް ހުޅުވުމުގެއް ރަސްމިއްޔާތު ފޮޓޯ: އައިޖީއެމްއެޗް
ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
އިބްރާޙިމް ޢަބްދުއްރައްޒާޤު ޙަލީމް މިކަން ހާމަކުރެއްވީ "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯސައިންސް އެންޑް ސްޓްރޯކް"ގެ ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙު ކުރުމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިއަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން މާލޭގެ ދެވަނަ އާރބަން ހެލްތު ކެއަރ ސެންޓަރު ޤާއިމްކުރުމާއި، ލެބޯޓްރީގެ ފްލެބޮޓޮމޯ ޚިދުމަތްތައް ބަލިމީހުންނަށް ފަސޭހަވާނެހެން ގްރައުންޑް ފްލޯއަށް ބަދަލުކުރުން ހިމެނެއެވެ. އަދި ޓެމްޕަސް ސިސްޓަމް މެދުވެރިކޮށް ލޭގެ ސާމްޕަލްތައް އުފުލުމުގެ ޒަމާނީ ނިޒާމެއް ޤާއިމްކުރުމުގެ އިތުރުން، އައިޖީއެމްއެޗުގެ ވޯޑުތައް ބަލިމީހުންނަށް އެކަށޭނަ ގޮތަށް އަލުން ފަރުމާކުރުމަށް ވަނީ ނިންމާފައެވެ.
ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޙަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކެތު ލެބެއް ޤާއިމްކުރުމާއި، އިންޓެންސިވް ކެއަރ ޔުނިޓުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މީގެ އިތުރުން ނެޝަނަލް ކާޑިއެކް ސެންޓަރު ތަރައްޤީކުރުމާއި، ކާޑިއޯ ތޮރޭސިކް އެންޑް ވަސްކިއުލާ ސާޖަރީ، އިންޓަވެންޝަނަލް ރޭޑިއޮލޮޖީ، ގެސްޓްރޯ އީއާރްސީޕީ އަދި ޖެނެރަލް ރޮބޮޓިކް ސާޖަރީ ފަދަ އެންމެ ޒަމާނީ ޚިދުމަތްތައް ތަޢާރަފްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޞިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމެވެ. މިކަމަށްޓަކައި ލޮލުގެ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމާއި، ސާޖިކަލް ނެވިގޭޝަން ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މާލެ ސަރަޙައްދުގެ އިތުރުން، މިފަދަ ބޮޑެތި ޞިއްޙީ ޚިދުމަތްތައް އަތޮޅުތެރެއަށް ފުޅާކުރުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރައްވަމުންދާ މަސައްކަތެކެވެ.