ޚަބަރު
ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކޮށްފި
ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖާފަތް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
11 ފެބްރުއަރީ 2026، 08:54
11 ފެބްރުއަރީ 2026، 08:54
ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކޮށްފިއެވެ.
މިކަން ފާހަގަކުރުމަށް ޖަރުމަނުވިލާތުގެ ބަރލިންގައި ބޭއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ޖަރުމަނުވިލާތުގެ ސަރުކާރުގެ އިސްވެރިންނާއި، ބަރލިންގައި ތިއްބަވާ ޚާރިޖީ މަންދޫބުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަރުމަނުވިލާތުގައި ދިރިއުޅޭ ބައެއް ދިވެހީންވެސް މި ޖާފަތުގައި ބައިވެރިވެފައިވެއެވެ.
މި ޖާފަތުގައި ގުރުއަތުލުމެއް ބާއްވައި، މި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް އިނާމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓު ތަކުގައާއި އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައިވެއެވެ.
ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ރަސްމީ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގާރަ ދުވަހު ޖަރުމަނުވިލާތުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އަންގާރަ ދުވަހު ވަނީ ދިވެހިރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވާފައެވެ.