Ads by Stelco

ޚަބަރު

ޖަރުމަނުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ރައުންޑްޓޭބަލް ބައްދަލުވުމުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފި

ޖަރުމަނުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ރައުންޑްޓޭބަލް ބައްދަލުވުމުގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނުގެ ރައުންޑްޓޭބަލް ބައްދަލުވުމުގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ފެބްރުއަރީ 2026، 05:37

10 ފެބްރުއަރީ 2026، 05:37

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ބާލިންގައި ބޭއްވި 'މޯލްޑިވްސް-ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލް' ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޖަރުމަނުގެ ޗެމްބަރސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސް ގެ އެގްޒެކެޓިވް ބޯޑު މެންބަރު ޑރ. ފޯލްކަރ ޓްރަޔަރ އާއި ޑާމަލޮގް  އައިޑެންޓިފިކޭޝަން ސިސްޓަމްސްގެ ސީއީއޯ ގުންތަރ މުލް އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިމަގަށް އެކުލަވާލާފައިވާ 'ވިޝަން 2040' އާ ގުޅޭ މަޢުލޫމާތު ޖަރުމަނުގެ ވިޔަފާރިވެރިންނާ ހިއްސާކުރައްވާފައެވެ. މި ތަޞައްވުރަކީ ރާއްޖޭގެ އިޤްތިޞާދު ވަރުގަދަކޮށް، މުއައްސަސާތައް ޒަމާނީކޮށް، ތިމާވެށި ހިމާޔަތްކުރުމާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެކުލަވާލާފައިވާ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރަސްމީ ރިޒާވް މިހާރު ހުރީ ތާރީޚީ މިންވަރަކަށް މަތީގައި ކަމަށާއި، މީގެ ސަބަބުން ބޭރު ފައިސާގެ ދައުރުވުން ރަނގަޅުވެފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރައްވައި، ގޫގުލް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަކަތައިގެ ދާއިރާއިން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، 'ޕްރޮޖެކްޓް ސޯލަރ ސިޓީ' ފަދަ މަޝްރޫޢުތަކަކީ ތިމާވެށްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާއިން 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިޔަރ' ގެ ގޮތުގައި ކަނޑައަޅާފައިވާތީ، އެކަމުގައި ޖަރުމަނުގެ އިންވެސްޓަރުން ބައިވެރިވުމަށް އެމަނިކުފާނު ދަޢުވަތު އެރުވިއެވެ. މީގެ އިތުރުން 'ޕްރޮޖެކްޓް އައިލާ' ފަދަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޞިއްޙީ ދާއިރާ ޒަމާނީކުރުމަށާއި، ބޭންކިންގ އަދި މާލީ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ޖަރުމަނަކީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

މި ބައްދަލުވުމުގައި 'އިންވެސްޓް މޯލްޑިވްސް' އާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހަޅާފައެވެ. ބައްދަލުވުން ނިންމާލީ ރާއްޖެ އިޝްތިހާރުކުރުމާއި މާކެޓްކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް 'ވިޒިޓް މޯލްޑިވްސް' އާއި ޔޫރަޕްގެ މަޝްހޫރު ޓްރެވަލް އެންޑް ޓޫރިޒަމް ގްރޫޕެއް ކަމަށްވާ 'ޑާޓުއަރ' އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމަށްފަހުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450