ޚަބަރު
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ސީއީއޯއެއް ހޯދުމަށް އިޢުލާންކޮށްފި
ރައީސް އޮފީސް/ފޮޓޯ: ގާފު
ހުލާސާ
މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީއަށް ޗީފް އެގްޒެކެޓިވް އޮފިސަރރ (ސީއީއޯ) އެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
މި އެޖެންސީއަކީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދަވާފައިވާ އެޖެންސީއެކެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ތަސްދީޤުކުރެއްވި ކުޅިވަރު ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ ދަށުން އުފެދުނު މި އެޖެންސީއަކީ، ކުޅިވަރުގެ ދާއިރާގައި އެންމެންނަށް ހަމަހަމަކަން ކަށަވަރު ކޮށްދިނުމަށާއި، މަނާ ބޭސް ބޭނުންކުރުން ކޮންޓްރޯލްކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އުފެއްދެވި މުއައްސަސާއެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އެޖެންސީ ހިނގަމުންދާނީ މިނިވަން ބޯޑެއްގެ ބެލުމުގެ ދަށުންނެވެ.
މި އެޖެންސީއަށް ސީއީއޯއެއް ހޯދުމަށް އިޢުލާންކޮށްފައިވާއިރު، ސީއީއޯގެ މަޤާމަށް ބޭފުޅަކު ހޯދަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށްކަމަށް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި މަޤާމަށް ހޮވޭ ބޭފުޅަކު ބޯޑުގެ ލަފަޔާ އިރުޝާދުގެ މަތިން އެޖެންސީ ހިންގަން ޖެހޭއިރު، މުސާރަ ކަނޑައަޅާނީ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ދެފަރާތުން އެއްބަސްވާ ގޮތަކަށެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، މަޤާމަށް އެދި ހުށަހަޅަން ޖެހޭ ލިޔުންތައް [email protected] އަށް އީމެއިލް ކުރެވޭނެއެވެ.
ކުޅިވަރުގެ މަނާބޭސް ބޭނުންކުރުމާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތް ފަށާފައިވަނީ 2003 ވަނަ އަހަރު ޑެންމާކުގެ ކޯޕަންހޭގަންގައި ބޭއްވި ކޮންފަރެންސެއްގެ ތެރެއިންނެވެ. މިހާތަނަށް ދުނިޔޭގެ 191 ގައުމަކުން މި މިންގަނޑުތަކަށް އަމަލުކުރުމަށް ސޮއިކޮށްފައިވާއިރު، ދިވެހިރާއްޖެއިން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 14 އޮކްޓޯބަރު 2010 ގައެވެ.
މި އެޖެންސީ އުފެއްދެވުމަކީ، ރާއްޖޭގެ ކުޅިވަރުގެ މައިދާން އިންސާފުވެރިކަމާއެކު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެއްތުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.