ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފި
ޤަޟާޢީ އަހަރު އިފްތިތާޙްކޮށްދެއްވުން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެމަނިކުފާނު "ޤަޟާޢީ އަހަރު 2026" އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތަކީ، އައު ޤަޟާޢީ އަހަރަކަށް ކުރިމަތިލާއިރު ފާއިތުވި އަހަރު ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރުމާއެކު، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި ޝަރުޢީ ގޮތުންނާއި، އިދާރީގޮތުން ޝަރުޢީ ދާއިރާ ހަރުދަނާކުރެއްވުމަށްޓަކައި، އައު އަހަރުގެ ލަނޑުދަނޑިތައް ކަނޑައަޅައި، ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، މުވައްޒަފުން އެއް މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ބާއްވާ އިޙްތިފާލެކެވެ.
President Dr @MMuizzu officially inaugurates the Judicial Year 2026. The occasion provides an opportunity to reflect on the judiciary’s progress and outline priorities for the year ahead. pic.twitter.com/Z5Li0EyWjG
— The President's Office (@presidencymv) February 8, 2026
އެގޮތުން، ޤަޟާޢީ އަހަރު އިފްތިތާޙްކުރެއްވުމުގެ ރަސްމިއްޔާތުގައި، ޝަރަފުވެރިކަމާއެކު މުސްކުޅި ކުރައްވާފައިވާ ފަނޑިޔާރުން ތަކްރީމުކުރެއްވުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ޤަޟާޢީ ބަޔާން އިއްވަވާފައެވެ. އަދި މި ރަސްމިއްޔާތުގައި، ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ފަނޑިޔާރުންނާއި، މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ޙަވާލުކޮށްފައިވާއިރު، މި ފިލާ އެފަރާތްތަކާ ޙަވާލުކޮށް ދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އެވެ.
މީގެ އިތުރުން، ޝަރުޢީ ދާއިރާއަށް އެކިގޮތްގޮތުން އެހީތެރިވެ ދެއްވާފައިވާ 7 ބޭފުޅަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީފިލާ ޙަވާލުކޮށްފައިވާއިރު، މި ފިލާ އެފަރާތްތަކާ ޙަވާލުކޮށްދެއްވާފައި ވަނީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.