ޚަބަރު
ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ފަށަނީ
ސޯލާ ނިޒާމު ޤާއިމްކުރުން/ފޮޓޯ: ވުޒާރާ
އެސްޕަޔަރ އަދި އެރައިޒް މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 24 ރަށެއްގައި 50 މެގަވޮޓަށްވުރެ ގިނަ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތިމާވެށްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފެއްދުން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. ހަމަ އެހެންމެ، މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ތިމާވެށްޓަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަކަތައިގެ އަމާޒަށް ވާސިލްވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަކޮށްލެވެއެވެ. ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަޞީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެސްޕަޔަރ އަދި އެރައިޒް މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ މި ނިޒާމުތަކުގެ ސަބަބުން، ތެޔޮ އެތެރެކުރުމަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް ބޮޑު ބާރެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ މަޝްރޫޢުތައް ފުޅާކޮށް، ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.