ޚަބަރު
ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ 'ރައްކާ ރޯޑް ޝޯ' ގެ ޙަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފި
ޙަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ 'ރައްކާ ރޯޑް ޝޯ' ގެ ޙަރަކާތްތައް ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި މަހުގެ 7 އިން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އަޕަރ ނޯތު ޕޮލިސް ގުޅިގެން ކަމަށެވެ.
އެގޮތުން، މި ޙަރަކާތްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ޖަލާލުއްދީން ސުކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، އަފީފުއްދީން ސުކޫލުގެ އިތުރުން ހއ. އިހަވަންދޫ ސުކޫލާއި ހއ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދެއެވެ. އަދި މި ޕްރޮގްރާމްގައި 5 ސުކޫލު ހިމެނޭގޮތަށް 154 ދަރިވަރުން ބައިވެރިވާއިރު، ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި، ސުކޫލު ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކުރާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި، ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސުކޫލުތައް ހިމެނޭ ސަރަޙައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ޢަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވާނެކަމަށް ފުލުހުން ވިދާޅުވިއެވެ. ހަމަ އެއާއެކު، ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގ ޙަރަކާތްތަކުގެ އިތުރުން ރިވެތި ބަހުން މުޢާމަލާތުކުރުމުގެ ހުނަރުތައް ވެސް ދަސްކޮށްދޭނެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ސުކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓެކްސީ ޑްރައިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސެޝަންތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމާއި އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން މަޢުލޫމާތު ދޭނެއެވެ. ހަމަ އެއާއެކު، ރައްކާ ޕްރޮގްރާމުގެ ތެރެއިން 'ފަހިރާސްތާ' ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންގޮސްފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ރަށުގެ އެކި ސަރަޙައްދުތަކާއި މަގުތަކުން ރައްޔިތުންނާ ބައްދަލުކޮށް ވަނީ މަޢުލޫމާތު ދީފައެވެ.
ރައްކާ ރޯޑް ޝޯ ޕްރޮގްރާމަކީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމަށް ސުކޫލުތަކުގެ ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ޙަރަކާތްތައް ރާވައި ހިންގުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.