ޚަބަރު
މިއަހަރުގެ ތެރޭގައި ރާއްޖެއަށް ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރެވޭނެ: ވަޒީރު އިޙްސާން
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
މިއަހަރުގެ ތެރޭގައި ރާއްޖެއަށް ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ނެރެވޭނެކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިއްވެވި ރިޔާސީ ބަޔާނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ކަސްޓަމްސްގެ ބުރަ މަސައްކަތުން މިހާރު ރާއްޖެއަށް އެތެރެވާ ކޮންމެ ޕެކޭޖެއް އަންނާނީ ސްކޭން ކުރެވިގެން ކަމަށެވެ. ހަމަ އެހެންމެ، މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދި ނަމަވެސް މިއަދު ހުރިހާ ޕެކޭޖެއް ވެސް ސްކޭންކުރާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން ކަސްޓަމްސްގަ އެ ކެޕޭސިޓީ ނެތުމުން އެކަން ކުރަން އުނދަގޫވެފަ ތިބީ. މިއަދު ކަސްޓަމްސްގަ އެ ވަޞީލަތްތައް ހޯދަދީ މިކަން ކުރެވޭނެ މަގު ފަހިކޮށްދިނީމަ ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެވާ ކޮންމެ ޕެކޭޖެއް ކަސްޓަމްސް އިން އެބަ ސްކޭން ކުރޭ. ޕޯސްޓު މެދުވެރިކޮށް މިހާރު މި ޓްރެންޑް ގިނަ އެއްޗެހި މި ފެންނަނީ. މީގެ އިތުރުން ކަނޑު މަގުން އަންނަ ތަކެތި ބަލާފާސްކުރުންވެސް ކަސްޓަމްސް އިން އިތުރުކޮށްފި
ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް ރާއްޖެ ގެންނަ ބޮޑެތި ކޮންޓެއިނަރުތައް ސްކޭންކޮށްގެން ނޫނީ ކާގޯ ދޫނުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު މަދު ކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންވެސް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި އޮޕަރޭޝަން އަލިމަގަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން މިހާރު ވާނެ ފުވައްމުލަކާއި އައްޑޫ ސިޓީ ހިތަދޫ، ގއ. ވިލިނގިލި މި ތިން ދިމާލުން ނެޓްވޯކްތައް ހޯދާފަ. އަދި އެ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ދެން ރާއްޖޭގަ ބާކީ ހުރި ހުރިހާ ރަށެއްގައި މި އޮޕަރޭޝަން ފުޅާ ކުރައްވާނެކަމަށް ރައީސް އެ ވިދާޅުވީ. އެހެންވީމަ ދެން ފުލުހުންގެ ދައުރަކަށް ވާނެ އޮޕަރޭޝަން އަލިމަގު ކުރިއަށް އޮތްތަނުގަ ފުޅާކުރުން.
ވަޒީރު އިތުރަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ހުއްޓުވުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ މަސައްކަތަށް ކަމަށެވެ.
ހަމަ އެހެންމެ، މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ޤާނޫނަށް ވެސް އިޞްލާޙުތަކެއް ގެނެސްފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.