Ads by Stelco

ޚަބަރު

ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް މިއަހަރު ތެރޭގައި ކަށަވަރުވެގެންދާނެ: ރައީސް

ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލެއް މިއަހަރު ތެރޭގައި ކަށަވަރުވެގެންދާނެ: ރައީސް

ރައީސް، ރިޔާސީ ބަޔާން އިއްވުން/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

08 ފެބްރުއަރީ 2026، 02:43

08 ފެބްރުއަރީ 2026، 02:43

ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެއް މި އަހަރު ތެރޭގައި ކަށަވަރުވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ކަށަވަރުކުރުމަށް ސަރުކާރުން އުފެއްދި އާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާރމާ) އިން  ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭސްތަކުގެ ތެރެއިން މިވަގުތަށް ލިބެން ނެތް ކްރިޓިކަލް ބޭސްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި އަހަރުގެ އެޕްރީލް މަސް ނިމުމުގެ ކުރިން މި ބޭސްތައް ލިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ޒިންމާދާރުކަމާއެކު ބޭސްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ފާރމާއިން މިހާރު ވަނީ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާ އެކީގައި މަސައްކަތް ފަށާފައި ކަމަށެވެ. އެހެންކަމުން، މިކަމުގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް މަގުފަހިވެ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުގައި ހުރި ދަތިތަކަށް ދާއިމީ އަދި ދެމެހެއްޓެނިވި ޙައްލެ ލިބިގެންދާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ސްޓޭޓް ފާރމާ ކުންފުންޏަކީ، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމުގެ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކުންފުންޏެކެވެ. ހަމަ އެހެންމެ، މި ކުންފުންޏަކީ އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަޤުޞަދުގައި އުފައްދަވައިފައިވާ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ވަނީ މީގެކުރިން މަޢުލޫމާތު ދެއްވާފައެވެ.

މި ކުންފުންޏަކީ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450