ދުނިޔެ
ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް
ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ އެންމެ ނުފޫޒުގަދަ ދަރިކަލުން، ސައިފުލް އިސްލާމް ގައްޒާފީ، އެ ގައުމުގެ ހަތިޔާރު އެޅި ބަޔަކު ދިން ހަމަލާއެއްގައި އަވަހާރަކޮށްލައިފި ކަމަށް އޮފިޝަލުންނާއި ލީބިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އުމުރުފުޅުން 53 އަހަރުގެ ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަވިކަން އޭނާގެ ވަކީލު ޚާލިދު އަލް-ޒައިދީ އާއި ސިޔާސީ މުޝީރު އަބްދުﷲ އުސްމާން ވަނީ އަންގާރަ ދުވަހު ފޭސްބުކް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އެ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ. ލީބިޔާގެ "ފަވާސިލް މީޑިއާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސައިފުލް އިސްލާމް އަވަހާރަކޮށްލާފައިވަނީ ވެރިރަށް ޓްރިޕޮލީއާ 136 ކިލޯމީޓަރު ދުރުގައި އޮންނަ ޒިންތާންގައި ހުންނަ އޭނާގެ އަމިއްލަ ގޭގެ ތެރޭގައެވެ.
ސައިފުލް އިސްލާމްގެ ސިޔާސީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު އޭނާގެ ގެއަށް ވަދެގަނެ، " ކަނޑައެޅިގެން ރޭވިގެންދިން" ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލާފައިވާ ކަމަށެވެ. މި ހަމަލާގެ ތެރޭގައި ސައިފުލް އިސްލާމް އެ މީހުންނާ ކުރިމަތިލެއްވި ކަމަށާއި، ހަމަލާދިން މީހުން ވަނީ އެ މީހުންގެ ޖަރީމާ ފޮރުވުމަށްޓަކައި ގޭގެ ސެކިއުރިޓީ ކެމެރާތައްވެސް ނިވާކޮށްފައި ކަމަށް އެ ބަޔާނުގައިވެއެވެ.
މި ހާދިސާއާ ގުޅިގެން ޓްރިޕޮލީގައި ހުންނަ ހައި ސްޓޭޓް ކައުންސިލްގެ ކުރީގެ ރައީސް ޚާލިދު އަލް-މިޝްރީ ވަނީ، މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް ފާހަގަކޮށް، މިކަމުގެ މިނިވަން އަދި އަވަސް ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.
ސައިފުލް އިސްލާމަކީ 2000 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް އޭނާގެ ބައްޕާފުޅުގެ ވެރިކަމުގައި ދެވަނައަށް އެންމެ ބާރުގަދަ ސިޔާސީ ޝަޚްސިއްޔަތެވެ. 2011 ވަނަ އަހަރު ލީބިޔާގެ އިދިކޮޅު ފަރާތްތަކުން މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލައި އޭނާ އަވަހާރަކޮށްލުމާ ގުޅިގެން، ސައިފުލް އިސްލާމް ގައުމުން ފިލަން އުޅެނިކޮށް ހައްޔަރުކުރެވުނެވެ.
އޭގެ ފަހުން ޒިންތާންގެ ޖަލެއްގައި ބަންދުކޮށްފައި ހުރުމަށްފަހު، 2017 ވަނަ އަހަރު އިއުލާނުކުރި އާންމު މައާފެއްގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފައެވެ. ނަމަވެސް އޭނާއަކީ 2011 ވަނަ އަހަރު ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ތުހުމަތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައި.ސީ.ސީ) ހޯދަން ބޭނުންވެފައިވާ މީހެކެވެ. އަދި 2015 ވަނަ އަހަރު ޓްރިޕޮލީގެ ކޯޓަކުން ވަނީ އޭނާގެ މައްޗަށް މަރުގެ ހުކުމެއްވެސް އިއްވާފައެވެ.
މިނިވަންވުމަށްފަހު ފާއިތުވި އަހަރުތަކުގައި އޭނާ ދިރިއުޅުއްވަމުން ގެންދެވީ ޒިންތާންގައި ސިއްރިއްޔާތުގައެވެ. ނަމަވެސް 2021 ވަނަ އަހަރު ލީބިޔާގައި ބޭއްވުމަށް ހަމަޖެހުނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އޭނާ އިއުލާނުކުރެއްވުމާ ގުޅިގެން، ލީބިޔާގެ ސިޔާސީ މަސްރަހުގައި ބޮޑެތި ބަހުސްތަކެއް ވަނީ އުފެދިފައެވެ.