ޚަބަރު
ހދ. ވައިކަރަދޫގައި "ދަނޑުވެރި މަންފާ" ސްކީމުގެ ދަށުން 8 ގްރީންހައުސްއެއް ގާއިމުކޮށްފި
ހދ. ވައިކަރަދޫގައި "ދަނޑުވެރި މަންފާ" ސްކީމުގެ ދަށުން ހެދި 8 ގްރީންހައުސް ފޮޓޯ: ވުޒާރާ
ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، ހދ. ވައިކަރަދޫގެ އައިލެންޑް ފާމާސް ފޯރަމް (އައިއެފްއެމް) ގެ މެންބަރުން އެ ރަށުގައި 8 ގްރީންހައުސްއެއް ކާމިޔާބުކަމާއެކު ގާއިމުކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މިއީ އެ ވުޒާރާއިން ކުރިއަށްގެންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި "ދަނޑުވެރި މަންފާ" މެޗިންގ ގްރާންޓް ސްކީމުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި ސްކީމުގެ ދަށުން ވައިކަރަދޫގައި ގާއިމުކުރި ގްރީންހައުސްތަކަށް ހިނގި ޚަރަދުގެ 50 އިންސައްތަ ފޯރުކޮށްދީފައިވަނީ މެޕް ޕްރޮގްރާމުގެ އެހީގައެވެ.
މިހާރުވެސް މި ގްރީންހައުސްތަކުގައި ކާމިޔާބުކަމާއެކު ކިއުކަމްބާ އާއި މެލަން އިންދައި، އޭގެ ނަފާ ދަނޑުވެރިންނަށް ލިބެމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މެޕް ޕްރޮގްރާމަކީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި މަޝްރޫއު މިހާރު ކުރިއަށްދަނީ ހއ، ހދ އަދި ށ އަތޮޅުގެ ޖުމްލަ 26 ރަށެއްގައެވެ.
ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިންވެސް އުތުރުގެ 12 ރަށެއްގައި ގްރީންހައުސްތައް ގާއިމުކޮށް، ކިއުކަމްބާ، މެލަން، މިރުސް އަދި ކެޕްސިކަމް ފަދަ ތަކެތި ހެއްދުމުގެ ތަމްރީނުތައް ވަނީ ހިންގާފައެވެ.
ޒަމާނީ ދަނޑުވެރިކަމަށް ދަނޑުވެރިން އަހުލުވެރިކުރުވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދޭ ކަމަކަށްވާއިރު، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދަނޑުވެރިންނަށް އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އުންމީދު ކުރައްވައެވެ.