Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިޔަށްގެންދާ ކޯހުގައި ދަރިވަރުން / ފޮޓޯ: އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

03 ފެބްރުއަރީ 2026، 10:35

03 ފެބްރުއަރީ 2026، 10:35

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ފަށައިފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ތަމްރީނުތަކަކީ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކެކެވެ. އެގޮތުން ފަށާފައި ވަނީ ފޮޓޯގްރަފީ އަދި އާޓް ސްކިލްސްގެ ކޯސްތަކެކެވެ. އަދި މި ކޯސްތަކުގައި ކިޔަވައިދިނުމާއި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ އެންމެހައި ކަންކަން ބައްޓަންކޮށްފައިވަނީ، ކޯހުގައި ބައިވެރިވެފައިވާ ކުދިންގެ ޚާއްޞަ ބޭނުންތަކަށް ރިޢާޔަތްކޮށް، ޚާއްޞަ އިންތިޒާމުތަކެއްގެ ތެރެއިންނެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްދާ ފޮޓޯގްރަފީ ކުލާސްތަކުގައި، ކެމެރާ އާއި ފޮޓޯގްރަފީގެ ސާމާނު ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނާއި، ފޮޓޯ އެޑިޓްކުރުމުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. ހަމައެއާއެކު، އާޓް ސްކިލްސް ކޯހުގެ ބައިވެރިންނަށް ކުރެހުމުގެ ފަންނާއި، ތަފާތު ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ ތަމްރީނު ލިބިގެންދާނެކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ. 

ޖުމްލަ 22 ފަރާތަކާއިއެކު 06 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (MQA) ގަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބިގެންދާނެއެވެ. 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް، އިޖުތިމާޢީ އަދި އިޤްދިސާދީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ މިފަދަ ފަރާތްތައް ޝާމިލުކުރުން އިތުރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. 

އެގޮތުން  މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް ބާރުއެޅުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ އަމާޒުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450