ދުނިޔެ

އެމެރިކާއިން ހަމަލާދީފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު އީރާނުގެ ރޫހާނީ ލީޑަރު ދެއްވައިފި

އެމެރިކާއިން ހަމަލާދީފިނަމަ މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު އީރާނުގެ ރޫހާނީ ލީޑަރު ދެއްވައިފި

އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ފެބްރުއަރީ 2026، 02:49

02 ފެބްރުއަރީ 2026، 02:49

އީރާނަށް އެމެރިކާއިން އެއްވެސް އަސްކަރީ ހަމަލާއެއް ދީފިނަމަ، މުޅި މެދުއިރުމައްޗަށް ހަނގުރާމަ ފެތުރިގެންދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ދެއްވައިފިއެވެ.

އާދީއްތަ ދުވަހު ތެހެރާންގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އެމެރިކާއިން މިފަހަރު ހަނގުރާމައެއް ފަށައިފިނަމަ އެއީ ހަމައެކަނި އީރާނަށް އަމާޒުވާނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި ސަރަހައްދީ ހަނގުރާމައަކަށް ވެގެންދާނެކަން އެމެރިކާއިން ދަންނަންޖެހޭނެ ކަމަށެވެ.

މި އިންޒާރު ދެއްވާފައި މިވަނީ، އީރާނުގައި ދާދިފަހުން ކުރި މުޒާހަރާތައް ހުއްޓުވުމަށް އެގައުމުގެ ސަރުކާރުން ބާރުގެ ބޭނުންކުރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަސްކަރީ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައެވެ. މި ނުތަނަވަސްކަމާ ގުޅިގެން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި އިތުރު މަނަވަރުތައް މިހާރު ވަނީ އަރަބި ކަނޑަށް ފޮނުވާފައެވެ.

އީރާނުގެ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގެ ހަނދާންތައް އާކުރުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވަނީ، އިދިކޮޅު މުޒާހަރާތަކަކީ ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންނާއި މިސްކިތްތަކަށް ހަމަލާދީ، ކީރިތި ޤުރުއާނުގެ ކޮޕީތަކުގައި ހުޅުޖަހާފައެވެ. މި "ބަޣާވާތް" މިހާރު ކާމިޔާބުކަމާއެކު ހުއްޓުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ މި އިންޒާރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އެންމެ ވަރުގަދަ މަނަވަރުތައް އެ ސަރަހައްދުގައި އެބައޮތް ކަމަށާއި، އުންމީދަކީ ދެގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވުން ކަމަށެވެ. ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ޚާމަނާއީގެ އިންޒާރުގައި ހުރި ތެދުދޮގު ފެނިގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، ތެލުގެ ވިޔަފާރީގެ މުހިންމު ރާސްތާއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން އީރާނުން ވަނީ ރާވާފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ މި ތަމްރީނުތަކުގެ ތެރޭގައި އެމެރިކާގެ މަނަވަރުތަކަށް ނުވަތަ ވިޔަފާރި އުޅަނދުތަކަށް ހުރަސްނޭޅުމަށް އީރާނަށް އިންޒާރު ދީފައެވެ.

ޚާމަނާއީ އިތުރަށް ވިދާޅުވީ އީރާނަކީ އެއްވެސް ގައުމަކަށް އިސްވެ ހަމަލާދޭނެ ބައެއް ނޫން ކަމަށާއި، ނަމަވެސް ގައުމުގެ މިނިވަންކަމަށް އުނިކަމެއް އަތުވެއްޖެނަމަ ރައްދުގައި ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށެވެ. އެމެރިކާއިން މަސައްކަތް ކުރަނީ އީރާނުގެ ތެލާއި ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް އަތްގަދަކުރަން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450