ޚަބަރު
ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިފި
ދަރިވަރުންގެ އެސެމްބްލީގެ ތެރެއިން/ފޮޓޯ: ވުޒާރާ
ދަރިވަރުންގެ ކިބައިގައި އަޚްލާޤީ ރީތި ސިފަތަކާއި އާދަތައް އަށަގަންނުވައި، ދީނީ ކަންކަމަށް ލޯބިޖެއްސުމުގެ މަޤްޞަދުގައި ތަޢުލީމީ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފަށައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމަކީ ތަފާތު ތީމްތަކަކަށް ބަހާލައިގެން، މުޅި އަހަރު ދުވަހަށް ދެމިގެންދާގޮތަށް ރޭވިފައިވާ ޚާއްޞަ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން، "ބިންގާ" ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ސްކޫލްތަކާއި، ބެލެނިވެރިން އަދި މުޅި މުޖުތަމަޢުގެ ބައިވެރިވުމާއެކު، ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ފުރިހަމަ އަދި ނަމޫނާ ބަޔަކަށް ހެދުންކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންގެ ދީނީ އަދި އަޚްލާޤީ އަސާސްތައް ވަރުގަދަކޮށް، ހަރުދަނާ އުޞޫލުތަކެއްގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް މަގުފަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން ފަރުޟު ފަސް ނަމާދަށް ބާރުއެޅުމާއި، އިޙްތިރާމްކުރުމާއި، ޒިންމާދާރުވުން ފަދަ މަތިވެރި ސިފަތައް އަށަގެންނެވުމަށްޓަކައި، ކޮންމެ މަހަކުވެސް ވަކި ޚާއްޞަ ތީމްތަކެއްގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ، ސްކޫލްގެ އިސްވެރިންގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި، ކޮންމެ މަހަކު ބާއްވާ ޚާއްޞަ އެސެމްބްލީތަކުގެ ޒަރިއްޔާއިން، ކަނޑައެޅޭ މައުޟޫޢުތަކަށް ދަރިވަރުންގެ މެދުގައި މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ.