Ads by Stelco

ޚަބަރު

ތުހުމަތުތަކާއެކު ކުރިޔަށް ދިޔަ އަދާލަތު ޕާޓީގެ އިންތިޚާބުގައި ރައީސަކަށް ޝިފާން އިންތިޚާބުކޮށްފި

ތުހުމަތުތަކާއެކު ކުރިޔަށް ދިޔަ އަދާލަތު ޕާޓީގެ އިންތިޚާބުގައި ރައީސަކަށް ޝިފާން އިންތިޚާބުކޮށްފި

އަދާލަތު ޕާޓީގެ ރައީސަކަށް އިންތިޚާބުކުރި ޝައިޚް ޝިފާން / ފޮޓޯ: ފޭސްބުކް

farudhun logo

ފަރުދުން

01 ފެބްރުއަރީ 2026، 10:21

01 ފެބްރުއަރީ 2026، 10:21

ގިނަ ތުހުމަތުތަކާއެކު ކުރިޔަށް ގެންދިޔަ އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް މުޙައްމަދު ޝިފާން އިންތިޚާބުކޮށްފިއެވެ.

އަދާލަތު ޕާޓީގެ 4ވަނަ ދައުރަށް ރައީސާއި ނައިބު ރައީސް ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ އޮންލައިންކޮށް، ހޮނިހިރު ދުވަހުއެވެ.

މި އިންތިޚާބުގައި ޝައިޚް ޝިފާން އެ ޕާޓީގެ ރައީސްއަކަށް އައްޔަންކުރީ %99 ވޯޓާއެކުއެވެ. އަދި މި މަޤާމަށް ދެން ވާދަކުރެއްވި އަލްއުސްތާޛް އިކްރާމް ޢަބްދުއްސައްތާރަށް ލިބިވަޑައިގެންނެވީ ވޯޓު ލީ މީހުންގެ %1 ވޯޓެވެ.

މި އިންތިޚާބުގެ ކުރިން އިންތިޚާބު ބޮއިކޮޓްކުރުމަށް ޑރ. އިކްރާމް ވަނީ ކުރިން ނިންމަވައިފައެވެ. އެއީ އެ އިންތިޚާބުގައި އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިންގައި ބޭނުންކުރަން ނިންމާފައި ވާތީ އެއީ  އެ ޕާޓީގެ މިހާރުގެ ލީޑަޝިިޕުން މަކަރު ހަދާފާނެ ކަމެއްކަމަށް ތުހުމަތުކުރެވިގެންނެވެ. ޑރ. އިކްރާމް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފިނަމަ އަދާލަތު ޕާޓީގެ އޮފީހުގައި ތިބެ ވޯޓިން ސިސްޓަމާ ކުޅެ، ވޯޓުގެ މުޅި ނިޒާމުގެ ތެރެއަށް ވަދެ ވޯޓު ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިންތިޚާބު ހުއްޓުވައިދިނުމަށް ޑރ. އިކްރާމް ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އަދާލަތު ޕާޓީގައި ވެސް ލިޔުމުން އެދިފައެެވެ. ނަމަވެސް ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ އިންތިޚާބު ކޮމެޓީގެ ރައީސް، އަލީ ރަޝީދު ސޮއި ކުރައްވާ ފޮނުއްވި ޖަވާބުގައި ވިދާޅުވީ، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީގެ ދުސްތޫރާއި އިންތިޚާބަށް ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތަށް ކަމަށެވެ.

އަދާލަތު ޕާޓީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް އެ ޕާޓީގެ މިސްރާބު 2017 ވަނަ އަހަރުން ފެށިގެން ކަސިޔާރުވެ، ޕާޓީ އުފެއްދި އަސްލު މަޤުސަދާ ޚިލާފަށް ހިންގަމުން ގެންދާކަމަށް ޤަބޫލު ކުރެއްވިގެން، ޑރ. އިކްރާން އެ ޕާޓީގެ ހަރަކާތްތަކާ ދުރުގައި ހުންނަވާތާ މިހާރު ހައެއްކަ އަހަރު ވެދާނެ ކަމަށް ހާމަކޮށްފައިވެއެވެ.

އަދާލަތު ޕާޓީގެ ގިނަ މެންބަރުން މި އިންތިޚާބަށް ތާއީދު ނުކުރާކަން އިތުރު އެތައް ކަމަކުން ހާމަވިއެވެ. އެގޮތުން އެ އިންތިޚާބުގައި ވޯޓު ދިނުމަށް ކޮންމެ މެންބަރަކު ވެސް ރެޖިސްޓަރީ ވާން ޖެހުމާއި، ރެޖިސްޓަރީވާ މީހުންގެ އަދަދު މަދުކަމުން ރެޖިސްޓަރީވުމަށް ހުޅުވާލި މުއްދަތު ތިން ފަހަރަށް އިތުރުކުރުން ހިމެނެއެވެ. އަދި ރެޖިސްޓަރީ ކުރުމުގެ މުއްދަތު ހަމަވުމުން، ރެޖިސްޓަރީ ނުކުރާ މީހުން ވޯޓުލުމަށް ތަކުރާރުކޮށް މެސެޖުކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފައެވެ.

މީގެއިތުރުން ވޯޓުލީ މީހުންގެ އަދަދު މަދުކަމުން، އެ އިންތިޚާބުގައި ވޯޓުދިން މީހުންގެ އަދަދު ވެސް އެ ޕާޓީއިން ހާމަކޮށްފައެއް ނުވެއެވެ. ހާމަކުރީ ވޯޓު ދިން މީހުންގެ އިންސައްތައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އިންތިޚާބުގައި ވޯޓުދޭން ނިކުތީ 400 ވަރަކަށް މީހުންނެވެ. އެހެންކަމުން ޕާޓީގެ ދަފްތަރުގައި 8،000އަށް ވުރެ ގިނަ މެންބަރުން ތިބިއިރު، އެންމެ %5 މީހުން ވޯޓުދޭން ނިކުތުމުން، އެ ޕާޓީގެ އެތެރޭގައި ނުވަތަ އިންތިޚާބުގައި ބޮޑެތި މައްސަލަތައް ހުރިކަން ޔަޤީންވެއެވެ.

އެ އިންތިޚާބުގައި ޝައިޚް ޝިފާން އާއި ޝައިޚް ޢަބްދުﷲ ރަޝީދު ހޯއްދެވި ކާމިޔާބީއަށް އަދާލަތު ޕާޓީގެ 3ވަނަ ދައުރުގެ ރައީސްކަން ކުރެއްވި ޝައިޚް އިމްރާން ޢަބްދުﷲ ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ޢަދާލަތު ޕާޓީގެ ދުސްތޫރާ އެއްގޮތަށް ކޮންގްރެސް ބާއްވާ ދައުރު ބަދަލުކުރުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450