ދުނިޔެ

އިންޑޮނޭޝިއާގައި ގެއްލުނު މަތިންދާބޯޓުގެ ބައިތައް ފެނިއްޖެ: 11 މީހަކު އަދިވެސް ނުފެނޭ

އިންޑޮނޭޝިއާގައި ގެއްލުނު މަތިންދާބޯޓުގެ ބައިތައް ފެނިއްޖެ: 11 މީހަކު އަދިވެސް ނުފެނޭ

ބޯޓު ގެއްލުނު ހިސާބު ދައްކުވައިދޭ ޗާޓާއި ބޯޓުގެ ބައެއް ސާމާނު ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ޖެނުއަރީ 2026، 03:39

18 ޖެނުއަރީ 2026، 03:39

އިންޑޮނޭޝިއާގެ ސައުތު ސުލަވެސީގެ މަތިން ދަތުރުކުރަނިކޮށް ގެއްލުނު މަސްވެރިކަން ބަލަހައްޓާ މަތިންދާބޯޓުގެ ބައިތައް ފެނިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން އާދީއްތަ ދުވަހު ހާމަކޮށްފިއެވެ. ނަމަވެސް ބޯޓުން ދަތުރުކުރި 11 މީހުން އަދިވެސް ނުފެންނަ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ ATR 42-500 މަރުކާގެ މި ބޯޓުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:30 އެހާކަންހާއިރުއެވެ. ޔޮގްޔަކާޓާ އިން މަކާސަރަށް ދަތުރުކުރި މި ބޯޓަކީ އިންޑޮނޭޝިއާގެ މެރިން އެފެއާޒް އެންޑް ފިޝަރީޒް މިނިސްޓްރީން ޕެޓްރޯލް ކުރުމަށް ޗާޓަރުކޮށްގެން އުޅުނު ބޯޓެކެވެ. ބޯޓުގައި ތިބީ އަށް ފަޅުވެރިންނާއި މިނިސްޓްރީގެ ތިން މުވައްޒަފުންނެވެ.

ރެސްކިއު ޓީމުތަކުން މައުލޫމާތު ދޭ ގޮތުގައި ބޯޓުގެ ބައިތައް ފެނިފައިވަނީ މަރޯސް ސަރަހައްދުގެ މައުންޓް ބުލުސަރައުންގް ކައިރިންނެވެ. އެ ސަރަހައްދަކީ ވަރަށް ބޮޑަށް ދުންފިނި ބޯވެފައިވާ، އުނދަގޫ ފަރުބަދަގިނަ ސަރަހައްދެކެވެ.

"އަހަރެމެންގެ ހެލިކޮޕްޓަރު ޓީމުތަކަށް ބޯޓުގެ ބައިތަކާއި ފަހަތުކޮޅު ވަނީ ފެނިފައި،" ސައުތު ސުލަވެސީގެ ރެސްކިއު އެޖެންސީގެ އޮފިޝަލަކު ކަމަށްވާ އަންދީ ސުލްތާން ވިދާޅުވިއެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް 1,200 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުންދާ ކަމަށް ރެސްކިއު އެޖެންސީގެ ވެރިޔާ މުޙައްމަދު އާރިފް އަންވަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށެވެ.

ފްލައިޓް ރޭޑާ 24 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޓުގެ ސިގްނަލް ކެނޑުނުއިރު ބޯޓު ދަތުރުކުރަމުން ދިޔައީ ކަނޑުގެ ވަރަށް ތިރިންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އިންޑޮނޭޝިއާގެ ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ކޮމިޓީން ވަނީ ތަހުގީގެއް ފަށާފައެވެ.

ކަމާބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ ހާދިސާތައް ހިނގުމަށް މޫސުން ގޯސްވުމާއި ދަތުރުކުރާ ސަރަހައްދުގެ ނުރައްކާތެރިކަން މެދުވެރިވެއެވެ. ބޯޓުގެ ބައިތައް ފެނުނު ސަރަހައްދަކީ ވައި ގަދަ، އަދި ދުންފިނި ބޯވުމުގެ ސަބަބުން ފެންނަ މިންވަރު ވަރަށް ކުޑަ ސަރަހައްދެއް ކަމުން، ސަލާމަތްކުރާ ފަރާތްތަކަށް އެ ސަރަހައްދަށް ދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ހާދިސާއާ ގުޅިގެން ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކަށް މައުލޫމާތު ދީފައިވާއިރު، ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށްދާތީ ކެތްތެރިވުމަށް އޮފިޝަލުން ވަނީ އެދިވަޑައިގެންފައެވެ. އިންޑޮނޭޝިއާގެ ޖިއޮގްރަފީ އޮންނަ ގޮތުންނާއި ފަރުބަދަ ގިނަވުމުގެ ސަބަބުން ކުއްލި ހާދިސާތަކުގައި މީހުން ސަލާމަތްކުރުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450