ދުނިޔެ

އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި: މަސްރަހު ނުތަނަވަސްވެ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބުރޫއަރަނީ

އީރާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި: މަސްރަހު ނުތަނަވަސްވެ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ބުރޫއަރަނީ

ވައިގެ ސަރަހއްދު ދައްކުވައިދޭ ޗާޓް ފޮޓޯ: ފްލައިޓް ރާޑަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

15 ޖެނުއަރީ 2026، 01:15

15 ޖެނުއަރީ 2026، 01:15

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައެއްގެ ބިރު ހީވުމާ ގުޅިގެން އީރާނުގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފިއެވެ. އީރާނުން ކުރިން ދީފައިވާ ދެ ގަޑިއިރުގެ އިންޒާރު މިހާރު ވަނީ އިތުރު ތިން ގަޑިއިރަށް ދަންމާލާފައެވެ. މި ނިންމުމާއެކު ރާއްޖޭ ގަޑިން ހެނދުނު 8:30 އާ ހަމައަށް އީރާނުގެ ވައިގެ ސަރަހައްދު އާންމު ފްލައިޓްތަކަށް ބަންދުވާނެއެވެ. ނަމަވެސް ބައިނަލްއަގުވާމީ ބައެއް ފްލައިޓްތަކަށް ޚާއްސަ ހުއްދައެއްގެ ދަށުން ދަތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މަސްރަހު ގޯސްވަމުންދާތީ އެމެރިކާ، ސްޕެއިން، ޕޮލެންޑް އަދި އިޓަލީ ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން ވަގުތުން އީރާނުން ދިއުމަށް އަންގާފައެވެ. މި ނުތަނަވަސްކަމާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން މިހާރު ދަނީ އީރާނުގެ ވައިގެ ސަރަހައްދު ދޫކޮށް އެހެން މަގުތަކުން ދަތުރުކުރަން ފަށާފައެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މަސްރަހު ހޫނުވެފައިވީ ނަމަވެސް، އީރާނާއި އިސްރާއީލުންވެސް ބޭނުންވަނީ ސީދާ ހަނގުރާމައަކަށް ނުގޮސް ސުލްހަވެރިކަމާއެކު ކަންކަން ހަމަޖެއްސުމަށެވެ. ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ދެ ގައުމުގެ މެދުގައި ސިއްރު މުއާމަލާތްތަކެއް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން ސައުދީ އަރަބިއްޔާ، ގަތަރު އަދި އޮމާން ފަދަ ގައުމުތަކުންވެސް ދަނީ ސަރަހައްދީ ހަމަޖެހުމަށް މަސައްކަތް ކުރަމުންނެވެ.

މިދަނޑިވަޅުގައި އަސްކަރީ މަސްދަރުތަކުން ބުނާގޮތުގައި، އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމާއެކު، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ގަތަރުގައި ތިބި ބައެއް ސިފައިން ފަހަތަށް ޖައްސާފައެވެ. އަދި އިނގިރޭސިވިލާތުންވެސް ވަނީ އެ ސަރަހައްދުގައި ތިބި އެގައުމުގެ ސިފައިން އެހެން ތަންތަނަށް ބަދަލުކުރަން ފަށާފައެވެ.

އީރާނު ސަރުކާރުން ބުނަމުންދަނީ ގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ފުރިހަމައަށް ކޮންޓްރޯލް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މާހިރުން ބުނާގޮތުގައި ވައިގެ ސަރަހައްދު ބަންދުކުރުމަކީ މަދަނީ ފްލައިޓްތަކުގެ ސަލާމަތަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ. މަސްރަހު ކޮންމެ ވަގުތަކުވެސް ބަދަލުވެދާނެތީ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަނީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450