ދުނިޔެ

ބަޣާވާތުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްއަށް މަރުގެ އަދަބު ދޭން އެދިއްޖެ

ބަޣާވާތުގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްއަށް މަރުގެ އަދަބު ދޭން އެދިއްޖެ

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ރައީސް ޔޫން ސުކް ޔޯލް ފޮޓޯ: ބީބީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 ޖެނުއަރީ 2026، 07:55

14 ޖެނުއަރީ 2026، 07:55

ދެކުނު ކޮރެއާގައި އަމަލުކުރަމުންދާ ގާނޫނުއަސާސީއާ ހިލާފަށް އަސްކަރީ ގާނޫނު ނުވަތަ މާޝަލް ލޯ އިއުލާންކޮށް، ބަޣާވާތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެއެވެ.

ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގައި އިއްޔެ ކުރިއަށްދިޔަ އަޑުއެހުމުގައި ޕްރޮސެކިއުޓަރުން ވަނީ ޔޫންގެ މައްޗަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އެދި ހުލާސާ ބަޔާން ހުށަހަޅާފައެވެ. މި މައްސަލައަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫން ކުއްލި ގޮތަކަށް އިއުލާންކުރި އަސްކަރީ ގާނޫނާ ގުޅިގެން އުފުލާފައިވާ ދައުވާތަކެކެވެ. އެ ފަހަރު އިއުލާންކުރި މާޝަލް ލޯ ހަ ގަޑިއިރަށް ދެމިގެންދިޔައިރު، އޭގެ ސަބަބުން ގައުމުގެ ސިޔާސީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރައި، ބޮޑު ހަލަބޮލިކަމެއް އުފެދުނެވެ.

ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުގައި، ރައީސް ޔޫން އާއި އޭރުގެ ޑިފެންސް މިނިސްޓަރު ކިމް ޔޮން-ހިޔުން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން، ޣައިރު ގާނޫނީ ގޮތެއްގައި ވެރިކަން ދެމެހެއްޓުމަށް ރޭވުންތަކެއް ރާވާފައެވެ. މި ރޭވުމުގެ ބޭނުމަކީ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި އިލެކްޝަން ކޮމިޝަންގެ ބާރުތައް ކަނޑުވާލައި، ދެކުނު ކޮރެއާގެ ޑިމޮކްރަސީއަށް ހުރަސް އެޅުން ކަމަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.

ޕްރޮސެކިއުޝަނުން ބުނީ، ޔޫންގެ އަމަލުތަކުގެ ސަބަބުން ގައުމުގެ ގާނޫނީ ނިޒާމަށް ނުރައްކާވެފައިވާ ކަމަށާއި، އޭނާގެ ފަރާތުން އެ އަމަލަށް އެއްވެސް ވަރަކަށް ދެރަވެ، ރައްޔިތުންގެ ކިބައިން އިހުލާސްތެރިކަމާއެކު މައާފަށް އެދިފައިނުވާ ކަމަށެވެ.

ނަމަވެސް ކޯޓުގައި ޔޫން ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގައުމު ހަލާކުކުރަން އުޅޭ އިދިކޮޅު ބާރުތަކުން ގައުމު ސަލާމަތްކުރުމަށް، ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ކޯޓުގެ އަޑުއެހުން ކުރިއަށްދިޔައިރު މަސްރަހު އޮތީ ވަރަށް ނުތަނަވަސްކޮށެވެ. ޕްރޮސެކިއުޓަރުން މަރުގެ އަދަބަށް އެދުނު ވަގުތު ޔޫން ބޯހޫރުވާލައި ހިނިތުންވެވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކޯޓަށް ހާޒިރުވެ ތިބި އޭނާގެ ސަޕޯޓަރުންގެ ބައެއް އަމަލުތަކުގެ ސަބަބުން ގާޒީއަށް ވަނީ މަސްރަހު ކޮންޓްރޯލް ކުރަން ޖެހިފައެވެ.

ދެކުނު ކޮރެއާގައި 1997 ވަނަ އަހަރުގެ ފަހުން އެއްވެސް މީހަކަށް މަރުގެ އަދަބު ތަންފީޒުކޮށްފައެއް ނުވެއެވެ. މީގެ ކުރިން ވެސް އެ ގައުމުގެ ބައެއް ރައީސުންގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް، ފަހުން ވަނީ އެ ހުކުމްތައް ލުއިކޮށްދީ، މައާފު ދީފައެވެ. އެހެންކަމުން، ޕްރޮސެކިއުޓަރުން އެދުނު ނަމަވެސް، ކޯޓުން މިފަދަ ހުކުމެއް ކުރާނެ ކަމާމެދު ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ސުވާލު އުފައްދައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450