ވިޔަފާރި
ނުހިންގާ ކުންފުނިތައް އުވާލަފާނެ: އަލުން ހަރަކާތްތެރިވުމުގެ ސުންގަޑި މިމަހުގެ 30 އަށް ހަމަވަނީ
ކުންފުންޏެއްގެ އޮފީސް ފޮޓޯ: އިންޓަނެޓް
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ހަރަކާތްތެރިނުވާ ކުންފުނިތަކަށް އަލުން ހަރަކާތްތެރިވުމާއި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެކަމަށް އެދި ހުށަހެޅުމުގެ ސުންގަޑި މިމަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށް ހަމަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މި ސުންގަޑީގެ ކުރިން ހުށަހަޅާފައިނުވާ ކުންފުނިތައް، ކުންފުނީގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އުވާލެވޭނެ ކަމަށް ވެސް ވުޒާރާއިން ވަނީ ހަނދާންކޮށްދީފައެވެ.
ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހަރަކާތްތެރިނުވާ ކުންފުނިތަކުގެ ގޮތުގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އަލުން ހަރަކާތްތެރިވުމަށް އެދޭ ކުންފުނިތަކުން މިމަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި، ހަރަކާތްތެރި ނުވާ ކުންފުނިތަކުގެ ލިސްޓު ބަލާލުމަށް ކިއުއާރު ކޯޑެއް ވެސް ވުޒާރާއިން ވަނީ ހިއްސާކުރައްވާފައެވެ.
އިޤްތިސާދީ ތަރައްޤީއާބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏަކުން އަލުން ހަރަކާތްތެރިވުމަށް ނުވަތަ ހިންގުމަށް އެދޭނަމަ، އެކަން އަންގައިދީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޤަރާރެއް އެވުޒާރާގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން، އަހަރީ ހިސާބުތަކާއި، ރިޕޯޓުތަކާއި، ކުންފުނީގެ ބޯޑުގެ ނިންމުންތަކުގެ އިތުރުން މީރާއަށް ފައިސާ ދެއްކުމުން ދޫކޮށްފައިވާ ރަސީދު ވެސް ހުށަހަޅަންޖެހެއެވެ.
ޝަރުތުތައް ފުރިހަމަވާނަމަ 15 ދުވަހުގެ ތެރޭގައި ކުންފުނި އަލުން ހަރަކާތްތެރިވުމަށް ހުއްދަ ދެވޭނެ ކަމަށް ވެސް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވައެވެ. ވުމާއެކު، ހަރަކާތްތެރި ނުވާ ކުންފުނިތަކުގެ ވެރިން މި ފުރުޞަތުގެ ބޭނުން ހިފުމަށް ވުޒާރާއިން އިލްތިމާސް ކުރައްވައެވެ.